ވިޔަފާރި
ދުވާލަކު 19،000 މީހުން ބަހުގެ ހިދުމަތް ހޯދާ: އާޒިމު
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ހުޅުމާލެއާއި މާލެއާ ދެމެދު ދުއްވާ ބަސްތަކުން ދުވާލެއްގެ މައްޗަށް 19،000 މީހުން ދަތުރުކުރާ ކަމަށް، އެ ބަސް އޮޕަރޭޓްކުރާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިމައުލޫމާތު ހާމަކުރެއްވީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ޑިރެކްޓަރު އިބްރާހީމް ނައީމު އެމްޓީސީސީ އަށް ފާޑު ވިދާޅުވެ ކުރެއްވި ފޭސްބުކް ޕޯސްޓަކާ ގުޅިގެންނެވެ.

އިބްރާހީމް ނައީމު ފާޑުވިދާޅުވީ އެމްޓީސީސީން ބަހުގެ ހިދުމަތް ދިނުމަށް ކުދި ބަސްތަކެއް ބޭނުންކުރުމުގެ ބަދަލުގައި ޑަބަލް ޑެކް ބޮޑެތި ބަސްތަކެއް ބޭނުންކުރާތީ އެވެ. ފަހުން ނައީމު ވަނީ އޭނާގެ ފޭސްބުކް ޕޯސްޓް ޑިލީޓް ކޮށްލައްވާފަ އެވެ.

ނައީމަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވީ ނައީމު ފަދަ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު ކަމުގެ ދެކޮޅު ނުބައްލަވާ ކަންތައްތައް ކުރެއްވުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"ކޮން ގޮތެއްތޯ ރަނގަޅީ؟ 50 ބަސް، މަގުތަކުގައި އުޅުންތޯ ނޫނީ 200 ބަސް މަގުމަތީގައި އުޅުންތޯ؟" އާޒިމް ސުވާލު އުފެއްދެވި އެވެ.

މާލެ ސަރަހައްދުގައި ދެމުންދާ ބަސް ދަތުރުތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތެއް ދިނުމަށްޓަކައި މިދިޔަ މަހުގެ ތެރޭގައި އެމްޓީސީސީން ވަނީ އެ ކުންފުނީގެ ބަސް ފްލީޓަށް އިތުރު 15 ޑަބަލް ޑެކް ބަސް ގެނެސް ހިދުމަތަށް ނެރެފަ އެވެ. ޑަބަލް ޑެކްގެ ބަހުގައި އެއްފަހަރާ 80 މީހުން އުފުލޭނެ އެވެ. މިބަސް ތަކާ އެކު މާލެ ސަރަހައްދުގައި ހިދުމަތް ދިނުމަށް އެމްޓީސީސީން މިހާރު 46 ބަސް ގެންގުޅެ އެވެ. 

މާލެ އާއި ހުޅުމާލެއާ ދެމެދު އެޅި ބްރިޖްގައި ދުއްވަން އެންމެ ފުރަތަމަ ޑަބަލް ޑެކް ބަސް ގެނައީ 2018 ގަ އެވެ. އެ ފަހަރު 22 ޑަބަލް ޑެކް ބަސް ގެނަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު