ޚަބަރު
22 މިލިއަން ޑޮލަރުގެ އިންޝުއަރެންސް މައްސަލަ ސުޕްރީމް ކޯޓަށް
ޔޮޓް ޓުއާސް މޯލްޑިވްސް ކުންފުނިން ހިންގި ހއ. އަލިދޫ ރިސޯޓަށް މޫސުން ގޯސްވުމުގެ ސަބަބުން ލިބުނު ގެއްލުމަށް އިންޝުއަރެންސްގެ ގޮތުގައި 22 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާޒް އިން ކުރިން ހިންގި ހއ. އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު މޫސުން ގޯސްވެ ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ފައިސާ ދޭން ދެކޮޅު ހެދި މައްސަލަ އެ ކުންފުނިން ކޯޓުން ހުށަހެޅުމުން 22 މިލިއަން ޑޮލަރު ދައްކަން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ޔޮޓް ޓުއާޒް އިން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރި ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ހައި ކޯޓުން ނިންމީ މޫސުން ގޯސްވެގެން ލިބުނު ގެއްލުންތަކަކީ އިންޝުއަރެންސް ޕޮލިސީގެ ތެރޭގައި ބަޔާންކުރާ ފަދަ ގެއްލުމެއް ކަން ސާބިތުނުވާ ކަމަށެވެ. އަދި ގެއްލުން ލިބުމުން އިންޝުއަރެންސް އެއްބަސްވުމުގައި ބަޔާންކުރާ ކަންކަން އެ ކުންފުނިން ފުރިހަމަ ކޮށްފައިނުވާ ކަމަށް ހައި ކޯޓުން ނިންމި އެވެ.

ޔޮޓް ޓުއާޒް އަށް ފައިސާ ދޭން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރިޔަސް، އެ ހުކުމަށް އަމަލުކުރުން ހައި ކޯޓުން އޮތީ ކުރިން ހުއްޓުވައިފަ އެވެ. ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރީ މިދިޔަ އޭޕްރީލް މަހު އެވެ.

އިންޝުއަރެންސް ކުންފުނިތަކުން ގެއްލުމުގެ ބަދަލު ހޯދުމުގައި ހުރި ދަތިތަކުގެ ސަބަބުން ޖާބިރު މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް މެންބަރުންގެ ތާއީދު ނުލިބުމުން އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު