ޚަބަރު
ފަތުވާ ދޭ މަޖިލީހުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭންޖެހޭ: މެމްބަރު ނާޒިމް
ރާއްޖޭގެ ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު ކާނަލް މުހައްމަދު ނާޒިމް މިއަދު ގޮވާލައްވައިފި އެވެ.

ނާޒިމް މިހެން ވިދާޅުވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާލާފައި އޮތް އޮތުމާމެދު ކަންބޮޑުވުން ފާޅު ކުރައްވައެވެ. އަދި ޔޯގާއަކީ ޝިރުކެއްކަން އިލްމުވެރީންގެ އިޖްމާއުން އެނގެން ނެތް ކަމަަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަންވެސް ފާޅުކުރައްވާ ނާޒިމް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތް އޮތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށް ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭން ޖެހޭ،" ނާޒިމްގެ ޓްވީޓުގައިވެ އެވެ.



މިދިޔަ މަހުގެ 21 ގައި ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ވެސް ވަނީ ޔޯގާ އިވެންޓެއް ބާއްވައިފަ އެވެ. ހަމަނުޖެހުން ބޮޑުވި އެ ހަރަކާތަށް މަސް ދުވަސް ފާއިތުވިޔަސް މިހާތަނަށް ފަތުވާ މަޖިލީހުން އެކަމާ ގުޅިގެން ވަކި އެއްޗެއް ނުބުނެ އެވެ.

މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހު ރާއްޖޭގައި އިންޑިއާ ހައި ކޮމިޝަނާއި ސަރުކާރު ގުޅިގެން ޔޯގާ ހަރަކާތެއް ބޭއްވި މައްސަލަ ވަރަށް ބޮޑަށް ހޫނުވި އެވެ. އެ ދުވަހުގެ ހަރަކާތް ހިންގަނިކޮށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުން ވަނީ މިހާރު ދޫކޮށްލައިފަ އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކުރަން ޖެހޭ ކަމަށް މެމްބަރު ނާޒިމް ވިދާޅުވިއިރު ޔޯގާ ހެދުމުގެ ތެރޭގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޔޯގާ ހަރާންކަމަށް އަދާލަތު ޕާޓީން ވެސް ބުނެފައިވާ އިރު އިލްމުވެރިންގެ ގުޅުމުގައި ހިމެނޭ 104 އިލްމުވެރިން ވެސް ވިދާޅުވީ ޔޯގާ އިސްލާމް ދީނުގައި ހުއްދަ ނޫން ކަމަށެވެ. އަދި ހިންދޫންގެ މަގްސަދަކީ ޔޯގާ މެދުވެރިކޮށް އެ މީހުންގެ ދީނަށް މީސްތަކުން ލޯބި ޖެއްސުން ކަމަށް އެ އިލްމުވެރިން ބުނެފައި ވެއެވެ. 

 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު