
ދީނީ އިލްމުވެރިންގެ މެދުގައި ޔޯގާއާ ގުޅޭ ގޮތުން ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެ މައްސަލަތަކާ ގުޅިގެން މައުމޫން ކުރިން ވެސް ވިދާޅުވެފައި ވަނީ ޔޯގާ ހެދުމުގައި ޝިރުކުގެ އަމަލެއް ނުހިމެނޭ ނަމަ އެކަން ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.މައުމޫން އެންމެ ފަހުން އާންމު ކުރެއްވި ލިޔުއްވުމެއްގައި ވަނީ އިންސާނާ ކުރާ ކަންކަމުގެ ތެރެއިން ހުއްދަ އަދި ހަރާމް ކަންކަން ކަނޑައަޅުއްވާ ހަމައެކަނި ފަރާތަކީ ﷲ ކަމަށާއި ސުންނަތް ކަންތައްތަކާއި މަކްރޫހަ ކަންކަން ކަނޑައަޅުއްވާ ފަރާތަކީ ވެސް މާތްﷲ ކަމަށެވެ.މައުމޫން ވިދާޅުވީ ހުކުމް ކުރުމުގެ ބާރު އޮންނަނީ މާތް ﷲ އަށް ކަމަށާއި އެ ބާރަކީ، ރަސޫލު ބޭކަލަކަށް ވެސް ނަބީބޭކަލަކަށް ވެސް އަދި އެއްވެސް އިންސާނަކަށް ވެސް އޮންނާ ބާރެއް ނޫން ކަމަށެވެ."ހަރާމް ކަމަކީ އެ ކަމެއް ކުރުން މާތްﷲ މުޅިން މަނާކުރައްވާފައިވާ ކޮންމެ ކަމެއް. ކަމެއް ކުރުން މާތްﷲ މަނާކުރައްވާފައިވާކަން އެނގޭނެ ގޮތްތަކެއް ވެސް ވާ ކަމެއް. އޭގެ ތެރެއިން އެންމެ ފާޅުކަން ބޮޑު ގޮތަކީ ގުރުއާން ނުވަތަ މާތް ރަސޫލާގެ ބަސްފުޅަކުން އެކަން އެނގެން އޮތުން." މައުމޫން ވިދާޅުވެފައި ވެއެވެ.އަދި އެކަމެއް ކުރާ މީހަކަށް އުގޫބާތެއް ކަނޑައަޅުއްވައިފައިވާ ކަމުގައި މާތްﷲ އަންގަވާ އެންގެވުގައި އެކަމަކީ ހަރާމް ކަމެއްކަން އެނގޭނެނަމަ އެއީ ވަރަށް ވަރުގަދަ ގަރީނާއެއް ކަން މައުމޫން ވަނީ ފާހަގަކުރައްވާފަ އެވެ. އެކަމަށް މިސާލު ދެއްވާފައި ވަނީ ރާ ބުއިމާއި ޖުވާ ކުޅުމާއި އަޅުކަން ކުރާ ބުރުތަކާއި، ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކަކީ ޝައިތާނާގެ އަމަލުތަކުގެ ތެރެއިން މުޑުދާރު ތަކެތި ކަމަށް ގުރުއާނުގައި އަލްމާއިދަތު ސޫރަތުގެ 90 ވަނަ އާޔަތުގައި ކަނޑައަޅުއްވާފައިވާ ދަލީލަށެވެ.