ވިޔަފާރި
2018 ގައި ރަސްމީކޮށް ހުޅުވި އާ ރަންވޭ އޮކްޓޫބަރުގައި ބޭނުން ކުރަން ފަށަނީ
ހަދާ ނިންމިތާ ހަތަރު އަހަރުވާން ކައިރިވެފައިވާ އާ ރަންވޭ އަންނަ އޮކްޓޫބަރު މަހު ބޭނުން ކުރަން ތައްޔާރުވާން ފަށައިިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އަޅަން ފަށައި އެމަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު، 2018 ގައި ރަސްމީކޮށް ހުޅުވި އެ ރަންވޭ ބޭނުންކުރަން ނުފަށާތީ ފާޑުކިއުން ވަނީ ރައީސް ސޯލިހްގެ ސަރުކާރަށް އަމާޒުވެފަ އެވެ.

ވީ.އައި.އޭގެ އައު ރަންވޭއަކީ 3400 މީޓަރު ދިގު، 65 މީޓަރު ފުޅާ ރަންވޭއެކެވެ. ކޯޑް.އެފް ފެންވަރުގެ މި ރަންވޭއަކީ ކޮމާޝަލް ދަތުރުތަކުގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރުކަމަށްވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ޖެއްސޭނެހެން ފަރުމާކޮށްފައިވާ ރަންވޭއެކެވެ.


މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާ ރަންވޭ އޮކްޓޫބަރުގައި ބޭނުންކުރަން ތައްޔާރުވަމުންދާ ކަމަށެވެ.

އާ ރަންވޭ މިވަގުތު ބޭނުންކުރަނީ ޓެކްސީ ވޭއެއްގެ ގޮތުގައި މިހާރުގެ ރަންވޭގައި ބޯޓު ޖެއްސުމަށް ފަހު އަނބުރާލާފައި ޕާކު ކުރަން ދާން ބޭނުން ކުރާ މަގެއްގެ ގޮތުގަ އެވެ. 

ރަންވޭ ބޭނުން ކުރަން ފެށުން ލަސްވީ ސީޕްލޭން ޓާމިނަލް ބަދަލު ކުރުމުގެ މަސައްކަތް ކުރާތީ އެވެ. އެހެން ނަމަވެސް މިހާރު ވަނީ އާ ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފަށައިފަ އެވެ.

މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު