ޚަބަރު
ބޮމުގެ މައްސަލަ ބަލާ ބެންޗުން ހުސްވި މަގާމަށް ގާޒީ ފާއިޒް
ގާޒީ ހުސައިން ފާއިޒް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި ދައުވާ އުފުލިފައިވާ މީހުންގެ މައްޗަށް ހިންގާ ޝަރީއަތް ބަލާ ގާޒީންގެ ބެންޗުގައި ހުސްވެފައިވާ މަގާމަށް ގާޒީ ހުސައިން ފާއިޒް ރަޝާދު ހަމަޖައްސަވައިފި އެވެ.

ކްރިމިނަލް ކޯޓުގައި ތިން ގާޒީންގެ ބެންޗަކުން ބައްލަވާ މި މައްސަލާގައި އެންމެ ފުރަތަމަ ރިޔާސަތު ބެލެހެއްޓެވި ގާޒީ އާދަމް މުހައްމަދު ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ. އެއީ އެ މައްސަލާގައި ދައުވާ އުފުލާފައިވާ މއ. ކުދެހިގެ، އިސްހާގުގެ ދަރިއަކު އޭނާއަށް މީގެ ކުރިން އިންޒާރެއް ދީފައި އޮތުމުން މަސްލަހަތު ފުށުއަރާ ހާލަތެއް އޮތުމުންނެވެ. ދެން ބެންޗުގެ ރިޔާސަތަށް ހަމަޖެއްސެވީ ގާޒީ ދީބަނާޒް ފަހްމީއެވެ. ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ދީބަނާޒް އައްޔަން ކުރެއްވުމުން އަނެއްކާވެސް އެ ބެންޗުން ގާޒީއަކު މަދުވީ އެވެ.

"ބެންޗުގައި މިހާރު ހިމެނޭނީ ގާޒީ މުހައްމަދު މިސްބާހު، ގާޒީ ސޮއްފަތު ހަބީބު، އަދި އަލަށް ހިމެނި ގާޒީ ހުސައިން ފާއިޒު ރަޝާދު، ރިޔާސަތު ބަލަހައްޓަވާ ގާޒީއަކަށް ކަނޑައެޅުއްވީ ގާޒީ މިސްބާހު،" ކްރިމިނަލް ކޯޓުގެ އޮފިޝަލް އަމާން މުހައްމަދު ނަޖީބު މި މީޑިއާ އަށް ހިއްސާކުރެއްވި މެސެޖެއްގައިވެ އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހަކަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައިވަނީ ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ހަރުކޮށްލައިގެން ގޮއްވާލި ބޮމުގެ މައްސަލާގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، އިސްހާގުގެ އިތުރަށް ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، ފަހުމީ އަލީގެ ބައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު