ޚަބަރު
ވެމްކޯގެ އެއްބަސްވުން އާނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި
މާލޭ ސިޓީ ކައުންސިލު ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ--
މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުގައި އުފެދޭ ކުނި ނެގުމަށް ވެމްކޯ އާއި އެކު މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން އާނުކުރަން އެ ކައުންސިލުން ފާސްކޮށްފި އެވެ.

ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުން އެންމެ ފަހުން އާކުރީ ޑިސެމްބަރު 26، 2019 ގައި ކުރީގެ ކައުންސިލުންނެވެ. ތިން އަހަރަށް ހެދި އެ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޑިސެމްބަރު 26 އަށް ހަމަވާނެތީ އެ އެއްބަސްވުން އާނުކޮށް މާލެއިން ކުނި ނެގުމުގެ މަސައްކަތް ކައުންސިލުން ކުރާ ގޮތަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ.

ކައުންސިލުން ބޭއްވި ޖަލްސާގައި އެ ކައުންސިލުގެ ސެކްރެޓަރީ ޖެނަރަލް މުޖުތަބާ ޖަލީލް ވަނީ ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ކަންކަމާއި އެ މަސައްކަތް ކައުންސިލުން ކޮށްފި ނަމަ، ލިބޭނެ ފައިދާތައް ކިޔައިދެއްވައިފަ އެވެ.

މުޖުތަބާ ވިދާޅުވި ގޮތުގައި އެއްބަސްވުމުގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުތައް ބެލެހެއްޓުން ވެސް ވެމްކޯއާ ހަވާލުކޮށްފައި އޮތް ނަމަވެސް އެކަން އެކަށީގެންވާ ގޮތެއްގައި ކުރަމުން ނުދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.

އަދި، ވެމްކޯއިން މިހާރު މުވައްޒަފުންނަށް ދެމުން އަންނަ މުސާރައަށް ވުރެ ބޮޑު މުސާރައެއް ދީގެން ސިޓީ ކައުންސިލަށް ކުޑަ ހަރަދަކުން އެކަން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެމްކޯއިން އެބަ ހަރަދުކުރޭ 17.28 މިލިއަން މުވައްޒަފުންގެ ހަރަދަށް [އަހަރެއްގެ މައްޗަށް]، އަދި އަޅުގަނޑުމެން އެކަން ކުރާ ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެންނަށް މާ އަގުހެޔޮ އެބަ ކުރެވޭ އެއީ 12 މިލިއަނަށް އެކަން ނިންމޭނެ،" މުޖުތަބާ ވިދާޅުވި އެވެ.

ކައުންސިލާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި، ސިޓީ ކައުންސިލުން އެކަމާ ހަވާލުވުމަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ. ނަރީޝްގެ ހުށަހެޅުން ފާސްކުރީ ކައުންސިލްގެ 12 މެމްބަރުންގެ ވޯޓުގެ އިއްތިފާގުންނެވެ.

އެ ހުށަހެޅުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައި އެގޮތަށް ކުރިއަށް ދިއުމަށް މަސައްކަތްކުރާނެ ކަމަށާއި އެކަން ކުރެވޭނީ ސަރުކާރުން އެއްބާރުލުން ލިބިގެން ކަމަށް ކައުންސިލުން ބުންޏެެވެ.

މި މައްސަލައިގައި ވެމްކޯއާ އެކު މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުމަށް ވެސް ހުށަހެޅި އެވެ. އެހެންނަމަވެސް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ސައިފް ފާތިހު ހުށަހެޅުއްވުން ފާސްވެފައިނުވެ އެވެ.

އެ މައްސަލައާ ގުޅިގެން ހުޅުމާލޭ ދާއިރާގެ މެމްވަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މިހާރު ވެމްކޯ އިން މަސައްކަތްކުރަނީ ކުރީގެ އަބްދުﷲ ރައީސް ޔާމީން ވެމްކޯ އުފެއްދެވި މަގްސަދާ ހިލާފަށް ކަމަށެވެ. އެއީ ދިވެހިން ލައްވާ ކުނި ނަގަން އުފެއްދި ކުންފުންޏެއް ނަމަވެސް އެ ފައިސާ މި ސަރުކާރުން ދެނީ ބޭރު މީހުންނަށް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ މައްޗަންގޮޅި މެދުދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ވެސް ވަނީ ވެމްކޯއަކަށް އެ މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެ، އެ އެއްބަސްވުން އާ ނުކުރުމަށް ތާއީދުކުރައްވައިފަ އެެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު