ޚަބަރު
އާޒިމާގެ ޝަރީއަތް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ނިންމި ނިންމުން ކޯޓުން ދަމަހައްޓައިފި
ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރުކުރުމާއި ގުޅޭ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އާޒިމާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަނީ ލޯންޑަ ކޮށްދިން ކަމުގެ ތުހުމަތުގަ އެވެ.

ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަކަށް ޖަމާވި އެއް މިލިއަން ޑޮލަރާ މެދު ތަހުގީގީ އިދާރާއަކުން ސުވާލު އުފައްދާފައިވަނިކޮށް އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އިންވެސްޓް ކުރުމަކީ އެ މައްސަލާގައި މަނީ ލޯންޑަރިންގެ ގޮތުގައި ދައުލަތުން ފާހަގަ ކުރާ މައިގަނޑު އަމަލެވެ. އަދި އެ ފައިސާ ކަމަށް ބުނެ އެހެން ފައިސާއެއް އޭސީސީ އާއެކު ހަދާފައިވާ އެކްސްކްރޯ އެކައުންޓަކަށް ޖަމާ ކުރުމަކީ، ފައިސާ އަސްލު އޮޅުވާލަން ކުރި ދެވަނަ އަމަލު ކަމުގައި ދައުލަތުން ފާހަގަ ކުރެ އެވެ.

އާޒިމާއަށް މި މައްސަލާގައި ދައުވާ ކުރަނީ، އެ އެކްސްކްރޯ އެކައުންޓް ހަދަން އާޒިމާ އޭސީސީއަށް ލަފާ ދިން ކަމަށް ބުނުމާއި، އެކްސްކްރޯ އެކައުންޓަށް ޔާމީންގެ އެކައުންޓްގައިވާ ފައިސާ ޖަމާ ކުރި ކަމަށް ބުނެ އޭސީސީއަށް އާޒިމާ ފޮނުވާފައިވާ ސިޓީއަށް ރިއާޔަތްކޮށެވެ. ދައުލަތުން ބުނަނީ އެއީ ފައިސާ ލޯންޑަ ކުރަން މަގުފަހިކޮށްދިނީ ކަމުގަ އެވެ.

އާޒިމާގެ ދިފާއުއަކީ، އޭނާގެ މައްޗަށް ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި ކުރި ދައުވާއާ ގުޅިގެން ކަމަށް ވާއިރު ޔާމީންގެ މައްޗަށް އެ މައްސަލާގައި ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވުމެވެ. އާޒިމާ ވިދާޅުވަނީ އަސްލު ކުށްކުރި މީހާ (ޕްރިންސިޕަލް) މައްޗަށް ކުށް ސާބިތު ނުވަނީސް، އެކަމުގައި ބައިވެރިވި މީހާ (އެކްސެސަރީ) މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ޔާމީނަށް ކުރި ހުކުމް ބާތިލްކުރުމަކީ އާޒިމާގެ މައްޗަށް ދައުވާ ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް މެއި މަހު ކްރިމިނަލް ކޯޓުން ނިންމުމުން އާޒިމާ ވަނީ އެ ނިންމުން އިސްތިއުނާފް ކުރައްވައިފަ އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް އާޒިމާއަށް ވީ ނާކާމިޔާބެވެ. އެ ނިންމުންތަކަށް ރިއާޔަތްކުރައްވައި އާޒިމާ މިއަދު އެދިވަޑައިގަތީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމި ނިންމުން މުރާޖައާކޮށްދިނުމަށެވެ.

ދައުލަތުން ބުނީ ގާނޫނުލް އުގޫބާތުގެ 30 ވަނަ މާއްދާގައި، ކުށްކުރި މީހެއްގެ މައްޗަށް ކުށުގެ ދައުވާ ސާބިތު ނުކުރެވުނަސް، އެ ކުށުގެ އަމަލު ހިންގާފައިވާކަމުގެ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް، އަދި އެ ކުށްކުރުމުގައި އެހީތެރިވެދިންކަމުގެ ސާބިތު ހެކީގެ މައްޗަށް ބިނާކޮށް، އެ ކުށްކުރުމުގައި އެހީތެރިވެދިން މީހަކުގެ މައްޗަށް ކުށް ސާބިތުކުރެވިދާނެ ކަމަށް އޮންނަ ކަމަށެވެ.

އެހެންނަމަވެސް ދައުލަތުން އާޒިމާގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުންކަން ބަޔާންކޮށް ދިފާއުން ވަނީ، އެއީ ޤާނޫނުލްއުޤޫބާތުގައި ބަޔާންކޮށްފައިވާ ކަންކަން އޭގެ މައްޗަށް ނުހިނގާނެ ޚާއްސަ ޤާނޫނެއްކަންވެސް ކަނޑައެޅީ ދައުލަތުން ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް އިރުކޮޅަކަށް ޝަރީއަތް މެދުކަނޑާލެއްވުމަށް ފަހު ނިންމެވީ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނޫނީ ސަބަބެއް އާޒިމާގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށެވެ. 

އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް މީގެ ކުރިން ވެސް ނިންމާފައި އޮތް ނިންމުމުގެ މައްޗަށް ބުރަވެ ގާޒީ އަލީ އާދަމް ވަނީ ޝަރީއަތް ފެށުމުގެ ކުރިން ދެ ފަރާތުގެ ހުށަހެޅުންތައް ހުށަހެޅުމަށް އަންގަވާފައެވެ. އަދި އެކެމަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު