ޚަބަރު
ބޮޑު ދެ ދައުވާއަކުން މިންޖުވެ، އާޒިމާ ސޭފް ޒޯނަށް!
ރައީސް މުޙައްމަދު މުއިއްޒު އަރިހުގައި އައިޝަތު އާޒިމާ
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރުގެ މައްޗަށް މިދިޔަ ވެރިކަމުގައި އުފުލި ދައުވާތައް އަނބުރާ ގެންދަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އާޒިމާގެ މައްޗަށް މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާތައް ކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ ފެބްރުއަރީ 17، 2019 ގަ އެވެ.

ޕީޖީން ބުނީ އާޒިމާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ނިންމީ އެ ދައުވާތައް މުރާޖައާ ކޮށްދިނުމށް އޭނާގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ރިޔާޔަތް ކުރުމަށްފަހު ކަމަށެވެ.

އާޒިމާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރިކަން ވެސް ޕީޖީން ފާހަގަކުރި އެވެ.

"އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ މި ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވަނީ ނިންމާފައި،" ޕީޖީ އޮފީހުން ބުންޏެވެ.

މި ދައުވާތަކާ ގުޅޭ ޝަރީއަތް މިހާ ދުވަސްވީއިރު ވެސް ކްރިމިނަލް ކޯޓުން ނިންމިފައެއް ނުވެ އެވެ. ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އާޒިމާ ހުށަހެޅި ކަންކަމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ވެސް ގެންދިޔައިރު، އެ ކޯޓުން ވެސް ހުކުމްކޮށްފައިވަނީ އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ދެ ދައުވާ އާޒިމާގެ މައްޗަށް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންނަށް މަނީ ލޯންޑާކޮށްދިނުމަށް މަގުފަހިކޮށްދިން ކަމަށް ބުނެ އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް، އެ ފައިސާ އަށް ހިޔާނަތްތެރިވި ފަރާތްތަކުން ޖަމާކުރުމުން އެ ފައިސާ ލޯންޑާކުރުމުގައި ޔާމީނާއި ބައިވެރިވެ އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

މިދިޔަ އަހަރު ބޭއްވި މާލޭ މޭޔަރު އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓްގައި އާޒިމާ ވާދަ ކުރެއްވި އެވެ. އޭނާއަކީ ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. 

ގިނަ ދުވަސް ވީ މި މައްސަލައިން "މިންޖު" ވުމަކީ އާޒިމާ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
29%
29%
29%
14%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު