ޚަބަރު
ސަރުކާރު ކެންޑިޑޭޓު ހޮއްވަވާ: ރައީސް
ވިލިމާލޭގެ ތަރައްގީ ހުއްޓިދާނެ ފަދަ ރިސްކެއް އެ އަވަށުގެ ރައްޔިތުން ނުނަންގަވައި، މާލޭ ސިޓީގެ މޭޔަރަކަށް ސަރުކާރުގެ ކެންޑިޑޭޓު ހޮއްވެވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، އެ މަނިކުފާނުގެ ޕާޓީ، ޕީއެންސީގެ ޓިކެޓްގައި މާލޭ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން، ވިލިމާލެއަށް ވަޑަައިގެން، އެ އަވަށުގެ ރައްޔިތުންނާ މުޚާތަބްކުރައްވާ ދެއްކެވި ވާހަފުޅުގަ އެވެ.

މާލެ ސިޓީގެ މޭޔަރަކަށް ހޮވަންވާނީ ސަރުކާރަށް އެއްބާރުލުންދީ، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރާނެ، ސަރުކާރާ އެއްކޮޅު ކެންޑިޑޭޓެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު އެބަ ފެނޭ މަޖިލިސް ތެރެއިން ކަންކަން ކުރާ ގޮތް. އެހެންވީމާ ތިބޭފުޅުން އެ ރިސްކު ނުނަންގަވާތި. އަޅުގަނޑުމެންގެ ކެންޑިޑޭޓް [އާޒިމާ] ހޮއްވަވައި ދެއްވީމާ ވަރަށް ފަސޭހަކަމާއެކު ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ތަރުތީބުވެ، މި ރަށުގައި [ވިލިމާލޭގަ] ކުރަން ހުރި ހުރިހާ ކަމެއް ހަމަޖެހިގެންދާނެ."

ރައީސް ވިދާޅުވީ އެއީ ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ބުނާ ބަދު ބަހެއް ނޫން ކަމަށާއި ނަމަވެސް އެއީ ޕާޓީގެ ނިޒާމު އޮންނަ ގޮތް ކަމަށެވެ.

އާޒިމާގެ މެނިފެސްޓޯ އިފްތިތާހުކުރަން ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވެސް ރައީސް ވަނީ, އެމަނިކުފާނުގެ މޭޔަރު ކަމުގައި ކުރައްވަން ބޭނުންވެވަޑައިގެން, ނަމަވެސް ސަރުކާރުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ނުކުރެވި ހުރި ކަންކަމުގެ ވާހަކަފުޅު ދައްކަވާފަ އެވެ.

މޭޔަރުކަމަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ މި މަހުގެ 13 ގަ އެވެ. އެ ގޮނޑިއަށް މި ފަހަރު ފަސް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
3 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު