
ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕްލެޓިނަމް ރެސިޑެންސްގެ ފްލެޓެއް ގަތުމަށް އެމްއައިބީން އާޒިމާ ނެންގެވި ލޯނު މައްސަލާގައި ފައިސާ ދެއްކުމަށް ސިވިލް ކޯޓުން އޭރު ހުކުމް ކުރީ އާޒިމާގެ ގައިރު ހާޒިރުގަ އެވެ.ސިވިލް ކޯޓުން 2 ޖެނުއަރީގައި ކުރި ހުކުމް މުރާޖައާކޮށްދިނުމަށް އާޒިމާގެ ފަރާތުން އެ ކޯޓަށް ހުށަހެޅި އެވެ. އަދި މިވީހާ ދުވަހު ކުރީގެ ހުކުމް ސިވިލް ކޯޓުން އޮތީ މަޑުޖައްސާލައިފަ އެވެ.ހުކުމް ބާތިލްކޮށްދޭން ނޫނީ ބަދަލު ކޮށްދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، އެ ކޯޓުން އިއްޔެ ކުރި ހުކުމްގައި މަދަނީ އިޖުރާއަތުގެ ގާނޫނުގެ 124 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރަށް ރިއާޔަތްކޮށް ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމް ބާތިލް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.ނަމަވެސް، އާޒިމާ ރަހުނު ބަހައްޓައިގެން އިސްލާމިކް ބޭންކުން ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސް ފެސިލިޓީއެއް ދޫކޮށްފައިވާ ކަމާއި އެ ފެސިލިޓީގެ އެއްބަސްވުމާ އެއްގޮތަށް އާޒިމާ ފައިސާ ދައްކާފައި ނުވާ ކަން ސާބިތުވާ ކަމަށް ސިވިލް ކޯޓުން ކަނޑައެޅި އެވެ.އިއްޔެގެ ނިޔަލަށް ފެސިލިޓީ އަށް ދައްކަން ޖެހި އެކަމަކު މިހާތަނަށް ނުދައްކާ ފައިސާގެ އަދަދު 4،282،514ރ. އަށް އަރަ އެވެ. ޗެރިޓީއަށް އަރާފައިވާ 266،512ރ. އަކީ އާޒިމާ ދައްކަން ޖެހޭ ފައިސާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.އެ ކޯޓުން ވަނީ ކޮންމެ މަހަކު ވެސް އެ މަހަކަށް ޖެހޭ އަދަދަށް ވުރެ މަދު ނޫން އަދަދެއްގެ ފައިސާ ދައްކަމުން ގޮސް ފެސިލިޓީގެ އެންމެހާ ފައިސާ ކުރިއަށް އޮތް ތިން މަސް ތެރޭގައި އެމްއައިބީ އަށް ދައްކައި ހަލާސް ކުރަން އާޒިމާ މައްޗަށް ހުކުމް ކޮށްފަ އެވެ.އެމްއައިބީގެ ފަރާތުން އާޒިމާއާ ދެކޮޅަށް މައްސަލަ ހުށަހެޅީ 5 ފެބްރުއަރީ 2023ގަ އެވެ. އާޒިމާ އެ ލޯނު ނަންގަވާފައި ވަނީ ޑިސެމްބަރު 2016ގަ އެވެ. އޭރު އޭނާ ހުންނެވީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގަ އެވެ.