ޚަބަރު
ސަރުކާރު ކެންޑިޑޭޓު ހޮއްވަވާ: ރައީސް
ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ހޯވައިދީފިނަމަ ވިލިމާލެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، އެ މަނިކުފާނުގެ ޕާޓީ، ޕީއެންސީގެ ޓިކެޓްގައި މާލޭ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން، ވިލިމާލެއަށް ވަޑަައިގެން، އެ އަވަށުގެ ރައްޔިތުންނާ މުޚާތަބްކުރައްވާ ދެއްކެވި ވާހަފުޅުގައެވެ.

މާލެ ސިޓީގެ މޭޔަރަކަށް ހޮވަންވާނީ ސަރުކާރަށް އެއްބާރުލުންދީ، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރާނެ، ސަރުކާރާ އެއްކޮޅު ކެންޑިޑޭޓެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު އެބަ ފެނޭ މަޖިލިސް ތެރެއިން ކަންކަން ކުރާ ގޮތް. އެހެންވީމާ ތިބޭފުޅުން އެ ރިސްކު ނުނަންގަވާތި. އަޅުގަނޑުމެންގެ ކެންޑިޑޭޓް [އާޒިމާ] ހޮއްވަވައި ދެއްވީމާ ވަރަށް ފަސޭހަކަމާއެކު ރައްޔިތުން އެދޭ ގޮތަށް ހުރިހާ ކަމެއް ތަރުތީބުވެ، މި ރަށުގައި [ވިލިމާލޭގަ] ކުރަން ހުރި ހުރިހާ ކަމެއް ހަމަޖެހިގެންދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ބުނާ ބަދު ބަހެއް ނޫން ކަމަށާއި ނަމަވެސް އެއީ ޕާޓީގެ ނިޒާމު އޮންނަ ގޮތް ކަމަށެވެ.

އާޒިމާގެ މެނިފެސްޓޯ އިފްތިތާހުކުރަން ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވެސް ރައީސް ވަނީ, އެމަނިކުފާނުގެ މޭޔަރު ކަމުގައި ކުރައްވަން ބޭނުންވެވަޑައިގެން, ނަމަވެސް ސަރުކާރުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ނުކުރެވި ހުރި ކަންކަމުގެ ވާހަކަފުޅު ދައްކަވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު