ޚަބަރު
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އަށް ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމައިފި
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބައެއް މެންބަރުން
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަލީ އާ ދެކޮޅަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ, ސިވިލް ކޯޓުގެ ޤަޟިއްޔާއަކާ ގުޅިގެން ވަގުތީ އަމުރަކަށް އެދި ދަޢުވާކުރާ ފަރާތުން ހުށަހެޅުމުން އަޑުއެހުމެއް ބޭއްވެވުމަށްފަހު, ގާޒީ ޢަލީ ޢަބްދުﷲ ގޮތް ނިންމަވާފައިވަނީ, އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމަށް އެކަށީގެންވާ މިންވަރަށްވުރެ ގިނަ ދުވަހުން ކަމަށް ބެލެވޭ ކަމަށެވެ.

އެ ގޮތުން ވަގުތީ އަމުރާމެދު ގޮތެއް ނިންމެވުމުގައި ޢަލީ ޢަބްދުﷲ ފަރުވާކުޑަ ކުރައްވާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށާއި, އެ ޢަމަލަކީ ޤާނޫނުއަސާސީއާއި, ފަނޑިޔާރުންގެ ޤާނޫނާއި, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއްކަމަށް ޖޭއެސްސީން ބުންޏެވެ.

މިކަމާއި ގުޅިގެން ޖޭއެސްސީން ބުނީ، ޢަލީ ޢަބްދުﷲގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 151 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1 އާއި 6.2 އަދި 6.5 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު އަމަލެއް ކަމަށެވެ.

އެހެން ކަމުން އެކަމުގެ އަދަބެއްގެ ގޮތުން ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ) ޤާނޫނު ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން، ޢަލީ ޢަބްދުﷲއަށް ނަޞޭޙަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް މިމަހުގެ 11 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 62 ވަނަ ޖަލްސާގައި ވަނީ ނިންމާފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު