
އެމްއެންޕީގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ އެކަމަނާ އެމްއެންޕީއާ ގުޅުވަޑައިގަތީ ދިވެހިރާއްޖެ މިވަގުތު ވެއްޓިފައިމިވާ ފުން ވަޅުގަނޑުން ނެގުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ކެތްމަދުވެފައި ހުރުމުން ކަމަށެވެ.ދިވެހިރައްޔިތުން މިއަދުގެ ސަރުކާރާ ރާއްޖޭގެ ވެރިކަން ހަވާލުކުރީ މި ގައުމަށް ތަނަވަސްކަމާއި ފާގަތިކަން ގެނަސްދިނުމަށް ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރާނެ ކަމަށް ވައުދާއި ހުވާ ކުރުމާއެކު ބައިނަލްއަގްވާމީ މަޝްރަހުގައި ރާއްޖެއަށް އޮންނަ އިތުބާރު އަނބުރާ ހޯދާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ދުންޔާ ވިދާޅުވިއެވެ.އަދި ވިދާޅުވީ ރާއްޖޭގައި ދިވެއްސެއްގެ ބޮލަކަށް އާމްދަނީ ޖެހޭ ނިސްބަތް މިއަދު ހުރީ 2015ގައި ހުރި ހިސާބުގައި ކަމަށެވެ. ޒުވާނުންނާއި އަންހެނުންގެ ހައްގުތަކަށް ސަރުކާރުން އަރައިގެންފައިވާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދު އިތުރަށް ދަށަށް ގޮސްފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.ރާއްޖޭގެ ހާލަތު ބަޔާންކުރައްވަމުން ދުންޔާ ވިދާޅުވީ އިގްތިސޯދީ ފުދުންތެރިކަމަށް ބަލާއިރު އަންހެނުންގެ ހާލަތު ރަގަޅު ނޫން ކަމަށާއި އަންހެނުން ތަހައްމަލުކުރަންޖެހޭ އަނިޔާއާ ފުރައްސާރަ ކުޑަ ނުވާ ކަމަށެވެ. އަދި ވާޒީފާތައް ނެތުމާއި ޒުވާނުން ބާކީވުމުގެ އިތުރުން ގައުމު އޮތީ ސަލާންޖަހާ ހިސާބަށް ގޮސްފައި ކަމަށެވެ.