ޚަބަރު
ދީބާޖާ އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް، ބަދަލު ލިބެންޖެހޭނެ: ސުޕްރީމް ކޯޓް
ދީބާޖާގެ މައްސަލާގެ ހުކުމް ސުޕްރީމް ކޯޓުން މިއަދު އިއްވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް، ދީބާޖާ އިންވެސްޓްމަންޓާ އެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ނިންމައި ސީދާ ގެއްލުމުގެ ބަދަލު ނަގައިދޭން ސިވިލް ކޯޓަށް ހުށަހަޅަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ވެރިކަމުގައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. 348 މިލިއަން ރުފިޔާގެ ބަދަލުދޭން ސިވިލް ކޯޓުން ހުކުމްކޮށްފައިވަނިކޮށް، 2018 ވަނަ އަހަރު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފައެެވެ.

ނަމަވެސް ހައިކޯޓުން އެ ހުކުމް ބާތިލުކުރީ އިޖުރައާތްތަކާއި ހިލާފަށްކަމަށް ބުނެ 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއުކުރަން ދައުލަތުން މިދިޔަ އަހަރު އެދުމުން ސުޕްރީމް ކޯޓުން ވަނީ ކުރީގެ ނިންމުން ބާތިލުކޮށް، ބަދަލުދޭން ނުޖެހޭކަމަށް ހައިކޯޓުން ނިންމި ހުކުމް އަލުން އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީބާޖާއަށް އޮންނާނެ ކަމަށް ކަނޑައަޅާފައެވެ. 

އެއާއެކު ދީބާޖާއިން ވަނީ އެ މައްސަލަ މިދިޔަ އަހަރު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި 348 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދޭން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމީ ޝަރުއީ އެކި މަރުހަލާތަކުގައި ހިނގާތާ ހަ އަހަރު ފަހުންނެވެ.

ސުޕްރީމް ކޯޓުގައި ތިންވަނަ ފަހަރަށް މި މައްސަލަ ބެއްލެވީ، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.

ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔަކީ ދީބާޖާއާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލުކުރީ އެއްބަސްވުމާ ހިލާފަށް ކަމުގަ އެވެ. އެހެންވެ ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމަށެވެ.

އެއީ އެއްބަސްވުން ބާތިލުކުރިއިރު ބ. ފުޅަދު އާއި އެ އަތޮޅު ފެހެންދޫ ފިޔަވައި އެެހެން ހުރިހާ ރަށަކަށް ހިދުމަތް ދެމުން ދިޔަ ކަމާއި، އެ ހާލަތުގައި އެއްބަސްވުން ބާތިލުކުރެވެނީ 90 ދުވަހުގެ ނޯޓިސްއެއް ދީފައި ކަން ފަނޑިޔާރު އަލީ ރަޝީދު ފާހަގަ ކުރެއްވި އެވެ.

އެގޮތަށް އަމަލުނުކޮށް އެންމެ ހަފުތާއެއްގެ ނޯޓިސް ދީފައިވާ ކަމާއި، އެ ގޮތަށް އަމަލުކުރެވޭނީ އެއްވެސް ސަރަހައްދެއްގައި ހިދުމަތް ނުދީ ޖެހިޖެހިގެން ފަސް ދުވަސް ވުމުން ކަން ވެސް ފަނޑިޔާރު އަލީ ރަޝީދު ފާހަގަ ކުރެއްވި އެވެ.

ގެއްލުމުގެ ބަދަލު ދޭން ޖެހޭ ކަމަށް ފަނޑިޔާރު ރަޝީދު ބުރަވި ނަމަވެސް ގެއްލުމުގެ ބަދަލު ސިވިލް ކޯޓުން އަލުން ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެއީ ދީބާޖާއިން ހުށަހަޅާފައިވާ ހިސާބުތަކަކީ ލައިންސަސްޑް އޮޑިޓް ފާމަކުން ތައްޔާރުކުރި ރިޕޯޓެއް ކަން އެނގެން ނެތުމުން ކަމަށް ވިދާޅުވި އެވެ.

ގެއްލުމުގެ ބަދަލުގެ ބަޔާ މެދު ގޮތާ މެދު ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފު ހުކުމެއް ކަމަށް ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ބައި ބާތިލުކުރުމަށް ހުކުމްކޮށްފައިވެ އެވެ. އަދި ގެއްލުމުގެ ބަދަލުގެ ބައި ސިވިލް ކޯޓަށް އަލުން ފޮނުވުމަށް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވި އެވެ.

ފަނޑިޔާރު ޑރ. މުހައްމަދު ވިދާޅުވީ ސަރުކާރުން ފޮނުވާފައި ސިޓީތަކަށް ބަލާއިރު، ފެރީގެ ހިދުމަތް މެދުކެނޑިފައި އޮތީ ބ. ފުޅަދޫ އާއި ފެހެންދޫގައި އެކަނި ކަމަށެވެ. އެއީ ނޯޓިހެއް ދިނުމެއް ނެތި އެއްބަސްވުން ބާތިލް ކުރެވޭނެ ހާލަތެއް ނޫން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

ފަނޑިޔާރު އިތުރަށް ވިދާޅުވި ގޮތުގައި ފެރީގެ ހިދުމަތާ މެދު ޝަކުވާތައް ހުއްޓަސް، އެކަންކަން ހައްލު ކުރެވޭނެ ގޮތްތައް އެއްބަސްވުމުގައި ހުއްޓެވެ. އަދި އެގޮތުގެ މަތިން ސަރުކާރުން އަމަލުކުރި ނަމަ، ރައުޔު ތަފާތުވީސް ކަމަށް ފަނޑިޔާރު ޑރ. މުހައްމަދު ވިދާޅުވި އެވެ.

ދީބާޖާގެ ފަރާތުން ބަދަލު ނަގައިދޭން އެދި ހުށަހެޅި މައްސަލަ ނިމުނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތުންނެވެ. މި މައްސަލަ ދީބާޖާއާ އެއްކޮޅަށް ނިމުނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔާ ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔު އެއް ގޮތް ވުމުންނެވެ.

ރައުޔު ތަފާތުވި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔަކީ ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ ސިޓީތަކަށް ބަލާއިރު ފެންނަން އޮތީ ފެރީގެ ޚިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބޭތީ ސަރުކާރުން އަންގާފައިވާ އެންގުންތައް ކަމަށެވެ. އަދި އެއް ހަފުތާ ތެރޭގައި ހިދުމަތް ނުފަށައިފިނަމަ، އެއްބަސްވުން ބާތިލް ކުރެވޭނެ ފަދަ އިބާރާތަކުން ސަރުކާރުން ސިޓީ ފޮނުވާފައިވާއިރު، އެ މުއްދަތުގައި އެކަންކަން ރަނގަޅު ކުރިކަން އެނގޭނެ ހެއްކެއް ނެތް ކަމަށެވެ.

މީގެ އިތުރަށް ދިބާޖާގެ ފަރާތުން ކަނޑައެޅި ގެއްލުމުގެ ބަދަލުގެ ހިސާބުތަކާ މެދު ދައުލަތުން ސުވާލު އުފައްދާފައިވާ އިރު، ހިސާބުތަކުގެ ފެންވަރާ މެދު ސިވިލް ކޯޓުން ގިންތި ކޮށްފައި ނުވާ ކަން ފަނޑިޔާރު މަހާޒު ވެސް ފާހަގަ ކުރެއްވި އެވެ.

ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ފަނޑިޔާރު މަހާޒް ވިދާޅުވީ އެއްބަސްވުމާ ޚިލާފްވިކަން ސާބިތުނުވާތީ ބަދަލު ނަގައިދެވެން ނެތް ކަމަށް ހައިކޯޓުން ނިންމި ނިންމުން ގޯސްވި ސަބަބެއް ދީބާޖާއަށް ނުދެއްކޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ހުކުމްކުރީ ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ވިޔަސް، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގޯސްކޮށް ކަމަށެވެ. އެހެންވެ، ދީބާޖާއަށް ލިބެންޖެހޭ ބަދަލުގެ މިންވަރާ މެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން އެންގި އެވެ.

ދީބާޖާއަށް ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ހުކުމް ކުރުމާ ގުޅިގެން، މި ސަރުކާރުގައި ކޯޓުން ބޭރުގައި މައްސަލަތައް ހައްލު ކުރުމަށް ލަފާ ދިނުމަށް އުފައްދާފައި އޮންނަ ސެޓްލްމަންޓް ކޮމިޓީން ވަނީ ދީބާޖާއާ އެކު މަޝްވަރާކޮށް 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ލަފައާ އެ ގޮތަށް ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށް 2019 ވަނަ އަހަރު އެއްބަސްވި އެވެ. 

އެކަމަކު، ފަހުން އެ ނިންމުން ބަދަލުކުރައްވައި އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ބަންޑާރަ ނައިބަށް އެމަނިކުފާނު އެންގެވީ މިދިޔަ ޖެނުއަރީ މަހުގައެވެ.

މި މައްސަލައިގެ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރީ ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ އައިސް މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށް ބަންޑާރަ ނައިބު ހާޒިރު ކުރުމަށް ފަހު އެ ކޮމިޓީން ވެސް އެ ގޮތަށް ލަފާ ދިނުމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
67%
33%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު