ޚަބަރު
ބޯހިމެނުމުގެ މަސައްކަތް އިތުރު އެއް ހަފްތާއަށް އިތުރުކޮށްފި
މާލެ ސަރަހައްދުން އެކި ސަބަބުތަކާ ގުޅިގެން ބޯހިމެނުމުގައި ބައިވެރިނުވާ މީހުންގެ މައުލޫމާތު އެއް ކުރުމަށް ބޯހިމެނުމުގެ މަސައްކަތް އިތުރު އެއް ހަފްތާއަށް ދިގު ދަންމާލަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނިންމައިފި އެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ބުނީ، މާލެ ސަރަހައްދުގައި ތަޅުލާފައި ހުރި ތަންތަނުގެ ތެރެއިން 41 އިންސައްތަ ތަނުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ބޯހިމެނިފައިނުވާ ކަމަށް އެ ބިއުރޯއަށް އަންގަމުންދާ ފަރާތްތަކުގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބޯހިމެނުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބުނެފައި ވެއެވެ.

ބޯހިމެނުމުގެ މައުލޫމާތު އެއްކުރާ ޓީމުތައް ހަރަކާތްތެރިވަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން 19:00 އަށެވެ. ހުކުރު ދުވަހު ހެނދުނު 9:00 އިން 11:00 އަށް އަދި 14:30 އިން 19:00 އަށް މަސައްކަތް ކުރާއިރު، ހާއްސަ ހާލަތްތަކުގައި ރޭގަނޑު ވެސް މަސައްކަތް ކުރެއެވެ.

ބޯހިމެނިފައިނުވާ މީހުންނާއި ތަންތަނުން ސްޓެޓިސްޓިކްސް ބިއުރޯގެ ހޮޓްލައިން 1423 ނުވަތަ 3008400 އަށް ގުޅާ ނޯޓްކުރުމުން ބިއުރޯގެ މުވައްޒަފުން އެފަރާތްތަކުގެ މަޢުލޫމާތު ނެގުމުގެ އިންތިޒާމް ހަމަޖައްސައިދެމުންދާކަމަށާއި، ވެބްސައިޓުގައިވާ ސެންސަސް ފޯމް މެދުވެރިކޮށް ބޯހިމެނިފައިނުވާ ގޭބިސީތަކާ ރަޖިސްޓަރކޮށްގެން އިޤްތިޞާދީ މަސައްކަތްހިންގާ ތަންތަނުން އެންގުމުން، އެފަރާތްތަކުން ބޯހިމެނުމުގެ މަޢުލޫމާތު ފުރިހަމަކުރުމުގެ އިންތިޒާމް ހަމަޖައްސަމުންދާނެކަމަށްވެސް ސްޓެޓިސްޓިކްސް ބިއުރޯއިން ވިދާޅުވެއެވެ.

ބޯހިމެނުމުގެ ނަތީޖާ ތަފާސް ހިސާބުތަކާއި ބެހޭ އިދާރާއިން ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގައެވެ.

ބޯހިމެނުން ފުރިހަމަވާނީ ހުރިހާ ފަރުދުން ހިމެނިގެންކަމުން ބޯހިމެނުމުގައި ކޮންމެ ފަރުދަކުވެސް ހިމެނުނުކަން ޔަޤީންކުރެއްވުމަށް ސްޓެޓިސްޓިކްސް ބިއުރޯ އެދިވަޑައިގަންނަވައެވެ. އަދި މިކަމަކީ ޤައުމީ ފެންވަރުގައި ހިންގޭ ވަރަށް ބޮޑު މަސައްކަތަކަށްވުމާއެކު އާއްމުންގެ ފުރިހަ އެއްބާރުލުން ދިނުމަށް އެ ބިއުރޯއިން ވަނީ އެދިފައެވެ.

ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ބޯހިމަނަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ފުރަތަމަ ރާއްޖޭގައި ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ ތެރޭގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު