ޚަބަރު
ބޯހިމެނުން؛ އަށް އަހަރު ތެރޭ އިތުރުވީ 16،897 ދިވެހިން، 33،527 ބިދޭސީން
ފޮޓޯ: ސަން
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން ބޯހިމެނުގެ ވަގުތީ ނާތީޖާ އާންމުކޮށްފިއެވެ.

ގައުމީ ތަފާސްހިސާބު ދުވަހުގެ މުނާސަބާގައި މޯލްޑިވްސް ސްޓެޓިސްޓިކަލް ބިއުރޯއިން ބުނީ، އިއްޔެގެ ނިޔަލަށް ބޯހިމެނުމުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ 335،331 ދިވެހިންނާއި، 97،164 ބިދޭސީން ގުނިފައިވާ ކަމަށެވެ. މިއީ 2014 ވަނަ އަހަރުގެ ބޯހިމެނުމާ އަޅާކިޔާނަމަ 50،424 މީހުންގެ އިތުރުވުމެކެވެ.

ދިވެހިންގެ އަދަދަށް ބަލާއިރު އެއީ 16،897 މީހުންގެ އިތުރުވުމެކެވެ. އަދި ބިދޭސީނަށް ބަލާއިރު 33،527 ބިދޭސީން ވަނީ އަށް އަހަރު ތެރޭ އިތުރުވެފަ އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އިއްޔެ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން 2014 ވަނަ އަހަރު ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން އޭރު ރާއްޖޭގައި އުޅުނީ ޖުމުލަ 338،434 ދިވެހިންނެވެ. މިހާރު އެ އަދަދު ވަނީ 355،331 އަށް އަރައިފައެވެ. އަދި ބިދޭސީީންގެ ޖުމުލަ އަދަދަކީ އޭރު 63،637 އެވެ. ނަމަވެސް މިހާރު ރާއްޖޭގައި އުޅޭ ބިދޭސީންގެ ޖުމުލަ އަދަދަކީ 97،164އެވެ. 

މި އަދަދަކީ އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ އަދަދުގެ 65 ޕަސެންޓް ކަމަށްވާތީ މި އަދަދު އިތުރަށް ފުރިހަމަކުރަން މަސައްކަތްކުރާ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުންޏެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނި ގޮތުގައި މިއަދާ ހަމައަށް ގުނުނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންގެ ތެރެއިން 89 ޕަސެންޓެވެ. އަދި މިހާތަނަށް މައުލޫމާތު ނުލިބޭ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށް އެ ބިއުރޯއިން ބުންޏެވެ.

އެ ބިއުރޯއިން ބުނި ގޮތުގައި މިހާތަނަށް މައުލޫމާތު ނުދެވި ތިބި މީހުން އެ ބިއުރޯގެ ހޮޓްލައިނަށް ގުޅައިގެން ނުވަތަ އޮންލައިންކޮށް ވެސް ބޯހިމެނުމަށް މައުލޫމާތު ދެވޭނެ އެވެ. އަދި މީހުން ނޫޅޭ ގެތަކުގެ މައުލޫމާތު ވެސް އެ ބިއުރޯއަށް އަންގަން އެދޭ ކަމަށް އެ ބިއުރޯއިން ބުންޏެވެ.

ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ބޯހިމަނަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ފުރަތަމަ ރާއްޖޭގައި ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. 


ކިޔުންތެރިންގެ ޝުއޫރު
50%
0%
0%
50%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު