ޚަބަރު
މަތީ ކޯޓުން ގޮތެއް ނިންމާފައިވާތީ ބެނާ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި
ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހުރި "އިންޑިއާ އައުޓް" ބެނާ ނަގަން ފުލުހުން އެންގި އެންގުން ބާތިލްކުރަން އެމަނިކުފާނު ހުށަހެޅުއްވި މައްސަލައަކީ ހައި ކޯޓުން ގޮތެއް ނިންމާފައިވާ ކަމަކަށް ވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

ޔާމީން ކުރެއްވި ދައުވާގައި ބުނެފައި ވަނީ ބެނާ އަތުލުމުން އެމަނިކުފާނަށް ގާނޫނު އަސާސީގެ 21 ވަނަ މާއްދާއިން ލިބޭ އަމިއްލަ މިނިވަންކަމުގެ ހައްގު ގެއްލުނު ކަމަށެވެ. އަދި ފުލުހުން އެ ބެނާ އަތުލީ ގާނޫނުލް އުގޫބާތާއި ފުލުހުންގެ ގާނޫނާ ހިލާފަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެކަމަކު އެ މައްސަލައިގައި ސިވިލް ކޯޓުން ބުނީ ޔާމީންގެ ފަރާތުން ހުށަހެޅުއްވި ދައުވާގެ މައުލޫގައި ހައި ކޯޓުގައި ބަހުސްކޮށް ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ދޫކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

ދައުލަތުން ނެގި އިޖްރާއީ ނުކުތާއަކީ ޔާމީންގެ ފަރާތްޕުޅުން މި މައްސަލާގައި އެދޭ ކަންކަމަކީ ހައި ކޯޓުން ގޮތެއް ނިންމާފައިވާ ކަންތައްތަކަށް ވާތީ ސިވިލް ކޯޓުން އެކަމާ މެދު އަލުން ގޮތެއް ނުނިންމޭނެ ކަމަށް ބުނެ އެވެ.

ސިވިލް ކޯޓުގެ ނިންމުމުގައިވަނީ ޔާމީންގެ ފަރާތްޕުޅުން އެދިފައިވަނީ ފުލުހުން އެންގި އެންގުން ބާތިލްކުރަން ކަމަށާއި އެކަމަކު އެއީ ހައި ކޯޓުގައި ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެދުނު ކަންކަން ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯދުން ފަދަ އެހެން ކަމަކަށް ސިވިލް ކޯޓުގައި އެދިފައިނުވާ ކަމަށާއި އެހެންވެ، ހައި ކޯޓުން ގޮތެއް ނިންމާފައިވާ ކަމަކާ ގުޅިގެން ސިވިލް ކޯޓުގައި އަލުން ބަހުސްކޮށް، ގޮތެއް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ނިންމީ ކަމަށް އެ ހުކުމުގައިވެ އެވެ.

"ދެންފަހެ ބުނެވިދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން މއ. ކާމިނީހުޅަނގުގެ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ދިވެހި ފުުލުހުންގެ ހިދުމަތުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއަކީ ކުރިއަށްގެންދެވިދާނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީން،" ފަނޑިޔާރު ހަސަން ފަހީމް ކުރެއްވި ހުކުމުގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލިހުން ވަނީ ކަނޑައަޅައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި އެ ގަރާރުގައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖައިޒު ފައިދާ ނަގައި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ރާއްޖޭގެ ސުލްހަމަސްލަސްކަން ނަގާލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއް ކަމަށެވެ.

އަދި މިއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރުކާރުގެ ސަލާމަތާއި ހަމަޖެހުމާއި އަމަން އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސް އެޅުމަށް ރާވައިގެން ހިންގަމުންދާ ކެމްޕެއިނެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު