
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަބްދުﷲ މަރުވި ހާދިސާގައި ކަންތައް ހިނގައިދިޔަ ގޮތް އިންސާފުވެރިކަމާއެކު، ރަނގަޅަށް ތަހުގީގު ކުރުމަށް އިރުޝާދު ދެއްވާ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހު އެ މައްސަލަ ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނުގެ ތަރުޖަމާނު ދެއްވި އެވެ."ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު މަރުވި ހާދިސާގައި ކަން ހިނގައިދިޔަ ގޮތް އިންސާފުވެރިކަމާ އެކު، ރަނގަޅަށް ތަހުގީގުކުރުމަށް އިރުޝާދު ދެއްވައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އާ ރައީސުލްޖުމްހޫރިއްޔާ ވަނީ ވާހަކަފުޅު ދައްކަވާފައި،" ރައީސް އޮފީހުން ފޮނުވި މެސެޖެއްގައިވެ އެވެ."މި މައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ގާތުން ބައްލަވަމުން."ހޯނޑެއްދޫއިން ރަޝީދު ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ކަމަށް ރަޝީދު ބުނަމުންދިޔަ ކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސް ފުލުހުން އޭނާއަށް ފަރުވާ ކުރި މަންޒަރު ނުފެންނަ ކަމަށް އާންމުން ބުންޏެވެ. އޭގެ އިތުރުން، އޭނާ ގެންދިޔައީ މާ ދުރު ރަށެއްގެ ހޮސްޕިޓަލަކަށެވެ.ފުލުހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް މަރުވި އަބްދުﷲ ގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން އިއްޔެ ވަނީ ބުނެފައެވެ.އެ ތަހުގީގު ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންނާ އެކީގައި، ފުލުހުންނާ ގުޅިގެން ހިންގާ ތަހުގީގެއްގެ ގޮތުގައި ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.އެންއައިސީއިން އެހެން ބުނި ނަމަވެސް އާއިލާއިން އެދެނީ އެމީހުންނާ ހަށިގަނޑު ހަވާލު ކުރުމަށެވެ. އޭނާގެ އާއިލާއިން އެކަމާ ދެކޮޅު ހަދަނީ، ޕޯސްޓްމޯޓެމް ހެދިޔަސް، އަބްދުﷲ މަރުވިއިރު ފުލުހުން ވެފައިވާ އިހުމާލެއް އެނގެން ނޯންނާނެތީ ކަމަށް ބުނެ އެވެ.މިހާރު އާއިލާއިން ވަނީ ހަށިގަނޑު ހަވާލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އަބްދުﷲގެ ހަށިގަނޑު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ގަލޮޅު މޯޗަރީގަ އެވެ. އެ ތަނަށް އާއިލާ މީހުން ވަނުމުގެ ފުރުސަތެއް ފުލުހުން ނުދެ އެވެ.