ޚަބަރު
އަރުޝަދު ހައްޔަރުކޮށް ހާޒިރު ކުރަން ނެރުނު އަމުރު ބާތިލު: ސުޕްރީމް ކޯޓް
މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދު
މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދު ހާލިދު ހައްޔަރުކޮށްގެން ހައިކޯޓަށް ހާޒިރުކުރަން ނެރުނު އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެއްގޮތައް ނެރެފައި އޮތް އަމުރެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އިތުރު ބަޔަކާ ގުޅިގެން އަރުޝަދު ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ 31 ޖެނުއަރީ 2020ގަ އެވެ. 

އަރުޝަދު ހައްޔަރުކޮށްގެން ހައިކޯޓަށް ނެރުނު އަމުރާއި ގުޅިގެން އޭނާގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. މިމައްސަލާގައި އިސް ފަނޑިޔާރަކީ ފަނޑިޔާރު މަހާޒު ޒާހިރެވެ. މައްސަލައިގައި މަހާޒުގެ ރައުޔަށް ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަޑާލް ވަނީ ތާއީދު ކުރައްވާފައެވެ.

ހައްޔަރުކޮށްގެން އަރުޝަދު ކޯޓަށް ގެންދަން ހައިކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރުމުން އެންމެ މަތީ ކޯޓުން ހުކުމް ކުރީ އަރުޝަދުގެ މައްސަލައެއް ހައި ކޯޓުގައި އޮތް ނަމަވެސް އަދި އޭނާ އާއި ލިޔުންތަކެއް ހަވާލު ކުރަން ހައިކޯޓުން މަސައްކަތް ކުރި ނަމަވެސް އޭނާ ހައިކޯޓަށް ހާޒިރުވާން އަންގައި އަމުރެއް ނެރެފައި ނެތް ކަމަށެވެ.

އަދި ކޯޓަށް މީހަކު ހާޒިރު ކުރަން އަމުރެއް ނެރެން ޖެހޭނީ އެމީހަކު އަމުރާއި ހަވާލުވުމަށްފަހު ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ކަމަށެވެ. ނޫން ނަމަ އަމުރު ހަވާލު ކުރަން މަސައްކަތް ކުރުމުން ހަވާލު ނުވެއްޖެ ނަމަ ކަމަށެވެ. 

މި މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، އަރުޝަދު ބަންދުކުރަން އަމުރު ނެރުމުގެ ކުރިން އޭނާއަށް ރައްދުވާ ގޮތަށް އެ ކޯޓުގެ އަމުރެއް ފެންނަން ނެތް ކަމަށެވެ. އެހެންކަމުން، ހައި ކޯޓަށް ހާޒިރުނުވި މީހެއް ކަމަށް ބަލައި އޭނާ ބަންދުކުރަން އަމުރެއް ނުނެރެވޭނެ ކަމަށް މަހާޒް ފާހަގަކުރެއްވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގަވާއިދާއި ހައި ކޯޓަށް މީހުން ހާޒިރުކުރުމާ ގުޅޭ ގަވާއިދު އޮންނަ ގޮތުން ބަންދުކޮށްގެން މީހަކު ހާޒިރުކުރެވޭނީ ކޯޓު އަމުރާ ހަވާލުވެ، މަގުބޫލު އުޒުރެއް ނެތި ހާޒިރު ނުވެއްޖެ ނަމަ އެވެ. މި މައްސަލައިގައި ހައި ކޯޓުން ކުރިން އަމުރެއް ނެރެފައި ނެތުމުން، ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ވުޖޫދު ނުވާ ކަމަށް ފަނޑިޔާރުގެ ރައުޔުގައި ފާހަގަކުރެއްވި އެވެ.

ފަނޑިޔާރު މަހާޒުގެ ރައުޔަށް މި މައްސަލަ ބައްލަވާ ބެންޗުގައި ތިއްބެވި އަނެއް ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދު ތާއީދުކުރެއްވި އެވެ.

އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ ދޫކޮށް ދިޔައީ، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވެ އޭނާ ދޫކޮށްލުމުންނެވެ. މިދިޔަ އަހަރުގެ ފަހުކޮޅު މާލެއާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ އެންމެ އިސް މީހަކީވެސް އަރުޝަދުކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ނަމަވެސް އޭރު އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ހައްޔަރެއް ނުކުރެވެއެވެ.

އަރުޝަދާއި އިތުރު ބައެއްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާކުރީ، މިދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް އަތުލައިގަތް 9 ކިލޯގެ މަސްތުވާތަކެއްޗާއި، 4.6 މިލިއަން ރުފިޔާ ފެނުނު މައްސަލާގައެވެ. އެ މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރިނަމަވެސް ކުށް ސާބިތުވީ ދެމީހެއްގެ މައްޗަށެވެ. އަދި އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު