އިސްމާއިލް ރިޒާ
05 ނޮވެމްބަރ 2022 - 16:29
1 comments
މިދިޔަ މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެންމެ ގިނައިން ދައުވާ ކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޕީޖީ މިކަން ހާމަކުރައްވާފައިވަނީ އޮކްޓޫބަރު މަހު ޕީޖީ އޮފީހުގެ މަސައްކަތުގެ ތަފާސްހިސާބުތަކުގެ މައްޗަށް ލިޔުއްވި މަޒުމޫނެއްގައެވެ. އޭނާ މި މަޒްމޫން ލިޔުއްވީ އަމިއްލަފުޅު ބްލޮގުގައެވެ. މަޒްމޫނުގެ ލިންކެއް ޕީޖީއޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަޙްމަދު ޝަފިޢު ވަނީ ޕީޖީ އޮފީހުގެ މީޑިއާ ވައިބަރ ގްރޫޕުގައި ޢާއްމުކުރައްވާފައެވެ.މިތަފާސްހިސާބުގެ މައްޗަށް ޕީޖީ ލިޔުއްވި ލިޔުއްވުމަށް އޭނާ ދެއްވި ނަމަކީ މަސް ރިޓު ދިރާސާކުރެއްވުމެވެ.އެއީ ރޭޑިއޯއިން، ކުރީގައި އޭނާ އެންމެ އަޑުއަހާ ހިތްވާ އެއް ޕްރޮގްރާމަކީ، ދުވަހުގެ މަސްރިޕޯޓުކަމަށްވާތީ އެއަށް ނިސްބަތްކޮށްކަމަށް ވިދާޅުވެފައިވެއެވެ."ކޮންމެ ރެއަކުވެސް، ރޭގަނޑު 7 ގެ ޚަބަރުގެ ފަހުން އަންނަ ރިޕޯޓެކެވެ. ކޮންމެ ދުވަހަކު، ކޮންމެ ރަށަކުން މަހަށް ފުރި ދޯނީގެ ޢަދަދާއި ބޭނިމަހުގެ ޢަދަދު ރިޕޯޓުގައި ކިޔައެވެ. މިކަންކަން މިމަގުން ހިންގަނީ ކޮން ބޭނުމެއްގައިކަމެއް އޭރަކު ނޭނގެއެވެ. ނަމަވެސް، މަސްވެރިންގެ ދުވަހު، އެންމެ ގިނަ ދުވަހު މަހަށްފުރި ދޯންޏަށް އިނާމުދޭތީ، މިތަފާސް ހިސާބުގެ އިތުރު ބޭނުމެއް އޮތްކަމަށް ވިސްނެއެވެ. އިޤްޠިޞާދީ އަދި މެނޭޖްމަންޓުގެ ބޭނުމަށް، މިމަޢުލޫމާތު އެއްކޮށް، ދިރާސާކުރުމުގެ މުހިންމުކަން ވިސްނެންފެށީ އަދި މާފަހުންނެވެ." ޝަމީމް ވިދާޅުވެފައިވެއެވެ.އެ ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި ގުޅޭ ކަންކަން ތަފްސީލު ކޮށްދެއްވަމުން ޕީޖީ ހުސެއިން ޝަމީމް އޭނާގެ އަމިއްލަފުޅު ބްލޮގްގައި ވިދާޅުވެފައި ވަނީ ދައުވާ ލިބުނު މީހުންގެ އެވަރެޖަކީ 31 އަހަރު ކަމަށެވެ.
މިދިޔަ މަހު އެންމެ ގިނަ ދައުވާކުރި ދާއިރާތައް
- މަސްތުވާތަކެއްޗާ ގުޅޭ އެކިއެކި ދައުވާތައް: 47 މީހުން
- ފުލުހުން ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ދައުވާ: 15 މީހުން
- ޓްރަރިޒަމާ ގުޅޭ ދައުވާތައް: 14 މީހުން
- އެންޓި ޓޯޗާގެ އަމަލުތަކާ ގުޅުންހުރި ދައުވާ: 10 މީހުންނަށް
އޮކްޓޯބަރު މަހު ޑްރަގް ކޯޓު ފިޔަވައި އެންމެ ގިނަ މައްސަލަ ނިންމެވީ ކްރިމިނަލް ކޯޓުންނާއި މާލެ އަތޮޅުގެ ކޯޓުތަކުންނެވެ. އެއީ 48 މީހެއްގެ މައްސަލައެވެ. އޭގެ ތެރެއިން 43 މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 90 ޕަސެންޓް ކާމިޔާބުވެފައިވާ ކަމަށް ޝަމީމް ވިދާޅުވެފައި ވެއެވެ.އޭނާ ވިދާޅުވީ މަހުން މަހަށް ޕީޖީ އޮފީހުގެ ތަފާސް ހިސާބުތައް ފެންނަން ހުރުމުން ކުށް މަދުކުރަން ކުރާ މަސައްކަތާއި ޕޮލިސީ ހެދުމުގެ މަސައްކަތުގައި އެހީއަކަށް ވާނެ ކަމަށެވެ. އަދި، ކަމާބެހޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ވެސް އެ ތަފާސްތައް މުހިއްމުކަން އޭނާ ފާހަގަ ކުރެއްވިއެވެ.