
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާ މެދު އެމްއެމްއޭގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ސަރުކާރު މެންބަރުން ބަޖެޓު ކޮމިޓީގައި އެކަމަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީ މެމްބަރު ޔައުގޫބު ވިދާޅުވީ ބަޖެޓަށް އެމްއެމްއޭއިން ދީފައިވާ ލަފަޔަކީ "ސީދާ ސާފުކޮށް ސިޔާސީ" ލަފައެއް ކަމަށެވެ. އެހެން ވިދާޅުވާ ބައިވަރު ސަބަބުތަކެއް އެބަހުރި ކަަމަށް ވެސް އޭނާ ވިދާޅުވި އެެވެ. އެމްއެެމްއޭގެ ތާއީދު ހޯދައިގެން ސަރުކާރު ވައްޓައިލަން ބަޔަކު މަސަކަތްކުރާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ."މިހާރު އަޅުގަނޑަށް މިފެންނަ ފެނުމަކީ ސަލާމަތީ ބާރުތަކުގެ ސަޕޯޓު ނުލިބުނީމާ، މި ސަރުކާރު ވައްޓަައިލަން ތާއީދު ނުލިބުނީމާ އެމްއެމްއޭގެ ސަޕޯޓް ހޯދައިގެން އެމަގަށް ބަޔަކު މަސައްކަތްކުރަމުންދާ ތަން،" ޔައުގޫބު ވިދާޅުވި އެވެ.ޔައުގޫބު ވިދާޅުވީ، އެމްއެމްއޭގެ ލަފާގައި ރަށްރަށުގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތައް ހުއްޓާލުމަށް ރިކޮމެންޓް ކޮށް، މާލެ ސަރަހައްދުގައި ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ލަފާ ދީފައިވާ އިރު މިއީ އެއްވެސް ވަރަކަށް ގަބޫލު ކުރެވޭނެ ކަންކަން ނޫން ކަމަށެވެ.އޭނާ ވިދާޅުވީ، ރާއްޖޭގެ ރިޒާވް އެންމެ ބޮޑަށް ދަށްވެފައިވާކަން ފެންނަން އޮތީ 2017 ވަނަ އަހަރާއި 2009 ވަނަ އަހަރު ކަމަށްވާ އިރު އޭރުގެ ގަވަރުނަރުން އެކަމުގައި ކަންބޮޑުވެވަޑައިގެން ވާހަކަ ދައްކަވާފައި ނުވާ ކަަމަށެވެ.ޔައުގޫބުގެ އެ ވާހަކަ އަށް ގަވަރުނަރު އަލީ ހާޝިމް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އޭރު އައިއެމްއެފްގެ ޕްރޮގްރާމަކަށް ދިޔަ ކަމަށާއި އެއީ އޭރު ވެސް ކަންބޮޑުވުން ފާޅުކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ."ޔައުގޫބު ހަނދުމަފުޅު ބަހައްޓަވާ، އޭރު އަޅުގަނޑުމެން ޕްރޮގްރާމަކަށް ދިޔައިން. އޭރު އައިއެމްއެފްގެ ޕްރޮގްރާމަކަށް ދިއުން އެއީ ކަންބޮޑުވުން ކަމަށް ގަބޫލުކުރަނީ،" ގަވަރުނަރު ވިދާޅުވި އެވެ.މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވެސް ވިދާޅުވީ، އެމްއެމްއޭ އިން ނެރެފައިވާ ލަފައަކީ އަސްލު މަންޒަރަށް ބަލައި، ނެރުނު ޕްރޮޕެޝަނަލް ލަފަޔައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުމަދު ގަވަރުނަރު އަލީ ހާޝިމަށް ގިނަ ސުވާލުތަކެއް ކުރެއްވުމަށް ފަހު ތުހުމަތުކުރެއްވީ އެމްއެމްއޭގެ ލަފަޔަކީ ވަރަށް ބޮޑަށް ސިޔާސީ ކުލަޖެހިފައިވާ ލަފައެއް ކަމަށެވެ."އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް މިއީ ސިޔާސީ ރިޕޯޓެއްގެ ގޮތުގައި ހަމަ ފާހަގަކުރެވޭ،" އިސްމާއީލް ވިދާޅުވި އެވެ.މިއަދުގެ ބައްދަލުވުމުގައި، އެމްއެމްއޭގެ ލަފަޔާ ގުޅޭ ގޮތުން މެމްބަރުން ކުރެއްވި ޓެކްނިކަލް ސުވާލުތަކަށް ޖަވާބުދެއްވި ނަމަވެސް ސިޔާސީ ގޮތުން ކީ ފާޑުކިއުންތާއި ސުވާލުތަކަށް ވެސް ގަވަރުނަރު އަލީ ހާޝިމް ޖަވާބެއް ނުދެއްވަ އެވެ.