
މިސްރުގެ ޝަރްމުއްޝައިޚްގައި ބާއްވާ އދ.ގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް 27)ގައި ސްރީލަންކާ ތަމްސީލް ކުރެއްވުމަށް ނަޝީދު ވަޑައިގަތުމަކީ އެމަނިކުފާނު ކޮށްފައިވާ ހުވައާ ހިލާފް ކަމެއް ކަމަށް ބެއް ގާނޫނީ ވަކީލުން ވަނީ ބުނެފައެވެ.އެކަމަށް ރިއާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ނަޝީދު ވަކިކޮށްދިނުމަށް އެދި ގާނޫނީ ވަކީލް އަހްމަދު ތާލިބް ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ.އެ މައްސަލައިގައި ބުނެފައިވަނީ, ދިވެހި ދައުލަތުގެ މަސްލަހަތު ފުށުއަރާ ގޮތަށް ދިވެހި ދައުލަތުން މުސާރަ ނަންގަވައިގެން ދިވެހި ގައުމަށް ވަފާތެރިވުމަށް ކޮށްފައިވާ ހުވަޔާ ހިލާފަށް އެހެން ސިޔާދަތީ ބާރެއް ތަމްސީލްކުރުމަކީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފް ކަމެއް ކަމަށެވެ.ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރަން ޖެހޭނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާ މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.މި މައްސަލަ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ބަލައި ނުގަންނަން ނިންމިިކަން އެ ކޯޓުގެ ވެބްސައިޓުން އެނގެއެވެ. މި ދިޔަ ހަފްތާގައި ހުށަހެޅި މި މައްސަލަ ބަލައި ނުގަންނަން ނިންމި ސަބަބެއް އަދި ސާފެއް ނުވެއެވެ.