ޚަބަރު
މާޖިދު ވަކިކުރި މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
ޖުޑީޝަލް އެކަޑަމީ ހިންގެވުމަށް އިސްކޮށް ހުންނެވި އަހުމަދު މާޖިދު
ޖުޑީޝަލް އެކަޑަމީ ހިންގެވުމަށް އިސްކޮށް ހުންނެވި އަހުމަދު މާޖިދު ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން ބެލުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ވަޒީފާ ގެއްލުނު މައްސަލަ ސިވިލް ކޯޓަށް މާޖިދު ހުށަހެޅީ ނޮވެމްބަރު 2، 2020 ގަ އެވެ. ސިވިލް ކޯޓުން ނިންމީ ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ މައްސަލަ ހުށަހަޅަން ޖެހޭނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ކަމަށެވެ.

ދެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއިރު، ވަޒީފާ ގެއްލުނުތާ ތިން މަސް ދުވަހުގެ ތެރޭގައި ހުށަހަޅަން އޮންނަ މުއްދަތު އޮތީ ފަހަނައަޅާ ގޮސްފަ އެވެ. އެހެންވެ އެ ޓްރައިބިއުނަލްއަށް ވެސް މައްސަލަ ނުބެލޭނެ ކަމަށް ނިންމީ އެވެ.

ޓްރައިބިއުނަލްގެ އެ ނިންމުން މާޖިދު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވަނީ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. މާޖިދު އެއަށް ފަހު، ހައި ކޯޓުގެ ހުކުމް ވެސް ޝަރީއަތުގެ ފަހު މަރުހަލާ އޮންނަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ.

އިސްތިއުނާފުގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގައި އެ މުއްދަތު ހިމެނިގެން އައީ އޭނާ ވަޒީފާއިން ވަކިކުރި ފަހުން ކަމަށާއި އެ އިސްލާހު ގާނޫނަށް އައި ފަހުން ތިން މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ގާނޫނަށް އިސްލާހު ގެނައިތާ ތިން މަހުގެ ތެރޭގައި އެ މައްސަލަ ހުށަހަޅާފައި އޮތް ކަން އެނގޭކަމަށާއި އެހެންކަމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ.

ޓްރައިބިއުނަލް އަދި ހައި ކޯޓުގެ ހުކުމް ބާތިލްކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިއްތިފާގުންނެވެ.



ކިޔުންތެރިންގެ ޝުއޫރު
33%
33%
33%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު