ޚަބަރު
ޝުއައިބު ގާޒީ ރިޓަޔާ ކުރައްވަނީ
ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ
ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ، މާދަމާ އިން ފެށިގެން ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

ހައި ކޯޓުން މިއަދު ބުނީ އެ ކޯޓުގައި 11 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށް ފަހު ފަނޑިޔާރު ޝުއައިބު މާދަމާ އިން ފެށިގެން ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރައްވާނެ ކަމަށެވެ.

އެ ކޯޓުން ވަނީ ފަނޑިޔާރުކަމުގެ މަގާމުގައި ޝުއައިބު ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ގދ. ހޯނޑެއްދު އަށް އުފަން ޝުއައިބު އެ ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ މާޗް 26، 2011 ގަ އެވެ.

ފަނޑިޔާރު ޝުއައިބު ވަނީ 1997 ވަނަ އަހަރު ގަތަރުގެ، ގަތަރް ޔުނިވާސިޓީ އިން ގާނޫނާއި ޝަރީއަތުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފަ އެވެ. އޭގެ ފަހުން 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލް ކުރައްވާފައިވެ އެވެ.

ޝުއައިބު ރިޓަޔާ ކުރެއްވި އިރު އޭނާ އަކީ ފަނޑިޔާރުންގެ ޖަމިއްޔާގެ ކުރީގެ ރައީސެވެ. އޭނާއަށް ކުއްލި އާލާސްކަންފުޅެއް ދިމާވެ ފަރުވާއަށް އެހީ ތެރިވެދޭނެ ފަނޑިޔާރުންގެ ޖަމިއްޔާއިން މަސައްކަތެއް ފަށާފައި ވެއެވެ. އެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއް ސުއޫދު، މެންބަރު ފަނޑިޔާރުންނަށް ސިޓީއެއް ފޮނުވައި ވިދާޅުވެފައި ވަނީ އެ ޖަމިއްޔާ އާއި ޖުޑިޝަރީއަށް އަގުހުރި ހިދުމަތްތައް ކުރައްވާފައިވާ ޝުއައިބަށް ކުއްލި އާލާސްކަންފުޅެއް ކުރިމަތިވެ އިންޑިއާއިން ފަރުވާ ހޯދަވަމުން ގެންދަވާ ކަމަށެވެ. އެއީ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހޭފަދަ ބައްޔެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީ ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގެންފަ އެވެ. އެކޯޓާއި ވަގުތީ ގޮތުން ހަވާލުވެވެޑައިގެން މިހާރު ހުންނެވީ ފަނޑިޔާރު ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

ކިޔުންތެރިންގެ ޝުއޫރު
25%
50%
25%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު