ޚަބަރު
އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދީފި
އިންޑިއާއިން ދިން މާލީ އެހީ ރަމްޒީ ގޮތުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު- ފޮޓޯ: ފޮރިން މިނިސްޓްރީ
ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް 100 މިލިއަން ޑޮލަރު ދީފި އެވެ.

އެހީ ދިނުމުގެ ރަސްމިއްޔާތުގައި 'ސިމްބޮލިކް' ޗެކާއި ހަވާލުވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މި ރަސްމިއްޔާތުގައި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ޑރ. އެސް. ޖައިޝަންކަރް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

މިއީ މި އަހަރުގެ އޮގަސްޓް މަހުގެ 1-4 އަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިން ހަމަޖެހުނު މާލީ އެހީއެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓުކޮށްގެން ކަމަށެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ބަޖެޓް ސަޕޯޓަށް 100 މިލިއަން ޑޮލަރު ފޯރުކޮށްދެނީ އެއްވެސް ޝަރުތަކާ ނުލައި، ދިވެހި ސަރުކާރުން އިސްކަން ދޭ ގޮތަކަށް އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ކަމަށެވެ. އިންޑިއާ އިން މީގެކުރިން ވެސް ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެ އަށް މާލީ ގޮތުން އެހީ ފޯރުކޮށްދީފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް 42.8 ބިލިއަން ރުފިޔާ ބަޖެޓެއް މަޖިލީހުން އިއްޔެ ފާސްކޮށްފައިވާއިރު، ބަޖެޓާއި ދައުލަތުގެ ދަރަންޏާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް މެމްބަރުންގެ ހުއްޓެވެ.

ދައުލަތުގެ ސީދާ ދަރަނި އަންނަ އަހަރު 9.2 ޕަސެންޓުން އިތުރުވެ، ޖުމްލަ ދަރަނި 101 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު