ކުޅިވަރު
ބްރެޒިލް ބަލިވުމުން، ކޯޗުކަމުން ޓީޓޭ އިސްތިއުފާ ދީފި
ބްރެޒިލްގެ ކޯޗުކަމުން އިސްތިއުފާދިން ޓީޓޭ --
ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ އަތުން ބަލިވެ، ބްރެޒިލްއަށް މުބާރާތުން ވަކިވާން ޖެހުމާއެކު ޓީމުގެ ކޯޗުކަމުން ޓީޓޭ އިސްތިއުފާ ދީފިއެވެ.

ޓިޓޭ 61، އިސްތިއުފާ ދީފައި މިވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ބްރެޒިލުން ޕެނަލްޓީ ޖަހައިގެން 4-2 އިން ކްރޮއޭޝިއާ އަތުން ބަލިވި މެޗުގައެވެ. އެ މެޗުގެ ފުރިހަމަ ވަގުތު، 90 މިނެޓު ހަމަވި އިރު، ދެ ޓީމުން ކުރެ، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެހެންވެ، ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެ ހާފް ކުޅުނު އިރު، ބްރެޒިލް ފުރަތަމަ ހާފްގައި ލަނޑު ވެސް ޖެހިއެވެ. އެކަމަކު، ފަހު ހާފްގައި ކްރޮއޭޝިއާ އިން ނަތީޖާ ހަމަހަމަ ކުރުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ބްރެޒިލް އަށް ލީޑް ނަގާދީފައި ވަނީ އެ ޓީމުގެ ތަރި ނޭމާއެވެ. ކްރޮއޭޝިއާ އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައި ދިނީ ބްރޫނޯ ޕެޓްކޮވިޗްއެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ބްރެޒިލުން ފުރަތަމަ ޕެނަލްޓީ ފޮނުވާލި ރޮޑްރީގޯގެ ޕެނަލްޓީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗް ވަނީ ދިފާއުކޮށްފައެވެ. އަދި ބްރެޒިލްގެ މާކީނިއަސް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. 

ބްރެޒިލްގެ ކޯޗު ކަމާ ޓިޓޭ ހަވާލުވީ މީގެ ހަ އަހަރު ކުރިން 2016 ގައެވެ. ޓިޓޭ ކޯޗަކަށް ހަމަޖެއްސީ އޭރު ބްރެޒިލްގެ ކޯޗަކަށް ހުރި ޑުންގާ ވަކި ކުރުމަށް ފަހުއެވެ.

"އަހަރެން މީގެ ދޮޅު އަހަރު ކުރިން ވެސް ބުނި ބަހުގެ މަތީގައި މި ހުރީ. މިއީ ޑްރާމާއެއް ކުޅެންވީ ގަޑިއެއް ނޫން. އަހަރެންގެ ބަދަލުގައި މިކަން ކުރެވޭނެ ޕްރޮފެޝަނަލުން އެބަތިބި. އަހަރެންގެ ދައުރު މި ނިމުނީ،" ބްރެޒިލްގެ ކޯޗު ބުންޏެވެ.

މެޗުގެ ކުރިންވެސް ޓީޓޭ ވަނީ، ވޯލްޑް ކަޕަށްފަހު ބްރެޒިލްގެ ކޯޗުކަމުން އޭނާ އިސްތިއުފާދޭނެ ކަމަށް ބުނެފައެވެ. އޭނާ މަގާމުން އިސްތިއުފާދީފައި މިވަނީ އެ މަގާމު، ހަ އަހަރު ވަންދެން އަދާކުރުމަށްފަހުއެވެ. ޓިޓޭ ވަނީ 80 މެޗެއްގައި ބްރެޒިލް އަށް އިރުޝާދު ދީފައެވެ. އޭގެ ތެރެއިން 60 މެޗުން ވަނީ މޮޅުވެފައެވެ. 

މިފަހަރުގެ ވޯލްޑްކަޕުގެ ބައްޔާއެކު ގިނަ ކޯޗުން އަންނަނީ އިސްތިއުފާދެމުން ނެވެ. 

އެގޮތުން ގަދަ 16 ގައި މޮރޮކޯ އަތުން ކެޓުމާއެކު ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ވަނީ އިސްތިއުފާ ދީފައެވެ. މީގެ އިތުރުން ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޯޗުކަމުން ލުއިސް ވެންހާލް ރޭ ވަނީ އިސްތިއުފާ ދީފަ އެވެ. އަދި އެހެންމެ ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓީނެޒް ވެސް ވަނީ ގުރޫޕް ސްޓޭޖުން ކެޓުމާއެކު އިސްތިއުފާ ދީފައެވެ.

ކިޔުންތެރިންގެ ޝުއޫރު
75%
0%
25%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު