ޚަބަރު
ރައީސް ސޯލިހު އުރީދޫ ގްރޫޕުގެ ވެރިންނާ ގަތަރުގައި ބައްދަލު ކުރައްވައިފި
ރައީސް ސޯލިހު އުރީދޫ ގްރޫޕުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރާއެކު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤަތަރުގެ ޢަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށް އެޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މިއަދު އުރީދޫ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޢަޒީޒް އަލްއުޘްމާން ފަޚްރޫއާ، އުރީދޫ ގުރޫޕްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖެ އާއި ޤަޠަރާއި ދެމެދު އޮތް ބަދަހިގުޅުމާއި، ޢިތުބާރާއި، އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވަ ވާހަކަފުޅުދައްކަވާފައެވެ. އަދި އުރީދޫ މޯލްޑިވްސް އަކީ، ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަން ކުންފުނިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގައި އެކުންފުންޏަކީ މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށާ، ދިވެހިރާއްޖެ އާއި ޤަތަރުގެ އާއްމު ތަރައްޤީގެ ބައިވެރިއެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އުރީދޫގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ޞިއްޙީ ދާއިރާއާ، ފައިދާހުރިކާނާއާ، އަންހެނުން ބާރުވެރިކުރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް، އުރީދޫއިން މޯލްޑިވްސްއިން ކުރައްވާ މަސައްކަތްތަކައް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ ކުންފުނީގެ ޑިޖިޓަލް ލިޓަރެސީ ޕްރޮގްރާމާއި، ޒުވާނުންގެ އުފެއްދުންތަކަށް ޕްލެޓްފޯމެއް ހޯދައިދިނުމުގެ ގޮތުން ހިންގާ އެކްސެލެރޭޓަރ ޕްރޮގްރާމާއި، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާއި، ހުޅުމާލެ "ސްމާޓް ސިޓީ" އިނީޝިއޭޓިވްއާ ބެހޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެބޭފުޅުން ވަނީ، އުރީދޫއިން އެންމެ ފަހުގެ ޓެކްނޮލޮޖީ އާއިއެކު ޚިދުމަތްތައް ފުޅާކޮށް، އެކުންފުނީގެ ފަރާތުން ދިވެހި މުޖުތަމަޢަށް ފޯރުކޮށްދޭ އެހީތަށް އިތުރުވެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ރައީސް ގަތަރަށް ކުރައްވާ ދަތުރުފުޅުގައި ގަތަރާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މިއީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާއާ ބައިވެރިވެ، ގަތަރާއެކު އޮތް ސިޔާސީ ގުޅުން 2017 ވަނަ އަހަރު ކަނޑާލިފަހުން ރާއްޖޭގެ ވެރިއަކު އެ ގައުމަށް ވަޑއިގެން ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު