
ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ހަތްވަނަ މިނެޓްގައި ޒުވާން ޑިފެންޑަރު، ޖޮސްކޯ ގްވާޑިއޯލް ވަނީ ކްރޮއޭޝިއާ އަށް ލީޑު ނަގާދީފަ އެވެ. ގްވާޑިއޯލް މި ގޯލް ކާމިޔާބުކުރީ އިވާން ޕެރިސިޗް ދިން ޕާހަކުން މޮރޮކޯގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.ކްރޮއޭޝިއާ އިން ލީޑު ނެގިތާ ދެ މިނެޓްފަހުން އަޝްރަފް ޑާރީ ވަނީ މޮރޮކޯ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލަކީ ކްރޮއޭޝިއާގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ދިޔަ ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މޮރޮކޯގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން މިސްލާވް އޯސިޗް ވަނީ ކްރޮއޭޝިއާ ޓީމަށް އަލުން ލީޑު ނަގާދީފަ އެވެ. މޮރޮކޯގެ ޕެނަލްޓީއޭރިއާ ތެރޭނަތީޖާ އެއްވަރުކުރަން މޮރޮކޯ އިން ދެވަނަ ހާފްގައި ކުރިއަށް ޖެހިލައިގެން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން ނަތީޖާ އެއްވަރުކޮށްލަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މޮރޮކޯގެ ފޯވާޑް އެން ނެސީރީ އަށް ކަމަށްވާއިރު އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކުރީ ކްރޮއޭޝިއާގެ ގޯލްކީޕަރު ލިވާކޮވިޗް އެވެ.މޮރޮކޯއަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ އެފްރިކާގެ ފުރަތަމަ ގައުމެވެ. އަދި އެ ޝަރަފު ހޯދި އަރަބި ފުރަތަމަ ގައުމު ވެސް މެ އެވެ.ރަޝިޔާގައި 2018ގައި އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ފްރާންސް އަތުން 4-2 އިން ބަލިވި ކްރޮއޭޝިއާ މީގެ ކުރިން ވެސް ވަނީ ވޯލްޑް ކަޕްގެ ތިން ވަނަ ނަގައިފަ އެވެ. އެއީ މިނިވަން ވަކި ގައުމެއްގެ ގޮތުގައި ވޯލްޑް ކަޕްގައި ވާދަކުރި ފުރަތަމަ ފަހަރު، 1998ގެ ފްރާންސް ވޯލްޑް ކަޕްގަ އެވެ. އެފަހަރުގެ ތިން ވަނަ ހޮވި މެޗުގައި ނެދަލެންޑްސް ވެސް ބަލިކުރީ 2-1 އިންނެވެ.އާޖެންޓީނާ އާއި ފްރާންސް ކުޅޭ ފައިނަލް މެޗު މާދަމާ ރޭ އޮންނާނެ އެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން ރޭ ގަނޑު 8 ޖާހާއިރު އެވެ.