
މެޗުގެ 34 ވަނަ މިނެޓްގައި މެސީ ޖެހި ޕެނަލްޓީއަކީ ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް، އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އަށް ފައުލު ކުރުމުން ދިން ޕެނަލްޓީއެކެވެ.އޭގެ ފަސް މިނެޓް ފަހުން އަލްވަރޭޒް ވަނީ އާޖެންޓީނާ އަށް ލީޑް ފުޅާކޮށް ދީފަ އެވެ. ކައުންޓަ އެޓޭކުގައި އުފެއްދި ހަމަލާގައި އަލްވަރޭޒް ވަނީ އޭރިއާ ތެރެއަށް ވަދެ ކްރޮއޭޝިއާގެ ޑިފެންޑަރުން ކައިރިން ވެސް ނައްޓާލައި ކީޕަރު ލިވަކޮވިޗަށް ވެސް ފުރުސަތެއް ނުދީ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.ދެވަނަ ހާފުގައި އާޖެންޓީނާގެ ލީޑު ފުޅާކޮށްދިން ލަނޑު 69 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް އަލްވަރޭޒް އެވެ. އެކަމަކު މިއީ މެސީގެ އާދަޔާހިލާފު ހުނަރުން އަލްވަރޭޒް ޖެހި ލަނޑެކެވެ. އޭރިޔާ ބޭރުން ކްރޮއޭޝިއާގެ ޑިފެންޑަރު ޔަސްކޯ ގަވަޑިއޮލް ކައިރިން ވަރަށް މޮޅަށް ނައްޓާލުމަށް ފަހު އޭރިޔާ ތެރެއަށް ވަދެ މެސީ އަލްވަރޭޒަށް ދިނުމުން އޭނާ ވަނީ އެއް ފަހަރުން ޖަހައި ގޯލަށް ބޯޅަ ވައްދާލާފަ އެވެ.މިއީ ކްރޮއޭޝިއާ އަތުން އާޖެންޓީނާ ހިފި ރަނގަޅު ބަދަލު ހިފުމެކެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އިން ވަނީ 3-0 އިން އާޖެންޓީނާ ބަލިކޮށްފަ އެވެ.މިއީ އާޖެންޓީނާއިން ވޯލްޑް ކަޕުގެ ފައިނަލްގައި ކުޅޭނެ ހަވަނަ ފަހަރެވެ. އެންމެ ފަހުން އާޖެންޓީނާއިން ވޯލްޑް ކަޕުގެ ފައިނަލުގައި ކުޅުނީ 2014 ވަނަ އަހަރުއެވެ. އެފަހަރުގެ ފައިނަލުން ޖަރުމަނު އަތުން އާޖެންޓީނާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލު މެޗުގައި އާޖެންޓީނާ އާ ދެކޮޅަށް ނުކުންނާނެ ޓީމެއް ކަށަވަރު ވާނީ މި ރޭ ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ފްރާންސާއި މޮރޮކޯގެ މެޗުންނެވެ. ކްރޮއޭޝިއާ އަށް އަދި މުބާރާތުގެ ތިންވަނަ ހޮވާ މެޗު އެބައޮތެވެ. ފްރާންސާއި މޮރޮކޯގެ މެޗުން ބަލިވާ ޓީމަކާ ދެކޮޅަށް ކުޅޭ ތިންވަނަ ހޮވާ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.