ކުޅިވަރު
ގަތަރު ވޯލްޑްކަޕް: އާޖެންޓީނާއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި
ތަށި ދިފާއު ކުރަން ނުކުތް ފްރާންސްގެ މައްޗަށް ޕެނަލްޓީ ޝޫޓްއައުޓްގައި 4-2 ން ކާމިޔާބު ހޯދައި ކެޕްޓަން ލިއޮނެލް މެސީގެ އުންމީދުތައް ހާސިލުކޮށް އާޖެންޓީނާއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި އެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން ދެޓީމު ހަމަހަމަ ވެގެންނެވެ. 

ޕެނެލްޓީގައި ފްރާންސަށް އާޖެންޓީނާއާ އެއްވަރެއް ނުކުރެވުނެވެ. އާޖެންޓީނާ އިން އެއްވެސް ޕެނެލްޓީއެއް ގެއްލުވައެއްނުލަ އެވެ. ފްރާންސަށް ދެ ޕެނެލްޓީ ނުޖެހި، މެޗުގެ ފަހުގެ ނަތީޖާއަކަށް ވީ 4-2 އިން އާޖެންޓީނާ މޮޅުވުމެވެ. 

މިއީ އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެޓީމު ޗެމްޕިއަންކަން ހޯދީ 1978 އަދި 1986 ވަނަ އަހަރު އެވެ.

މި ކާމިޔާބު އެންމެ ހާއްސަވާ ކުޅުންތެރިޔަކީ އާޖެންޓީނާގެ މެސީ އެވެ. މެސީގެ މި ކާމިޔާބާ އެކު އޭނާ ވަނީ ފުޓްބޯޅަ ކުޅުންތެރިޔެއްގެ ގޮތުގައި ހާސިލު ކުރާނެ ހުރިހާ ކާމިޔާބެއް ހޯދައިފަ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެކޯޑް އަދަދަކަށް ހޯދައިފައިވާ މެސީ އަށް ފުޓްބޯޅައިގައި މީގެ ކުރިން ނުލިބި އޮތީ ވޯލްޑް ކަޕް އެކަންޏެވެ.

ވޯލްޑް ކަޕަށް ހާއްސަކޮށް ގަތަރުން ހެދި ލުސައިލް ސިޓީގައި މިރޭ ކުޅުނު މެޗާ އެކު މި އަހަރުގެ ވޯލްޑް ކަޕު ނިމުނީ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައި ވަނީ މިއީ މިހާތަނަށް ބޭއްވި އެންމެ ފުރިހަމަ ވޯލްޑް ކަޕް ކަމަށެވެ. ޔޫރަޕްގެ ހަތް ގައުމަކުން ގަތަރަށް ކުރިމަތި ކުރި ފިންތުންތަކާ އެކު ވެސް އެ ގައުމުން ވޯލްޑް ކަޕަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ދިން މެހެމާންދާރީ އަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

ދެން ފިރިހެނުންގެ ވޯލްޑް ކަޕް ބާއްވާނީ 2026 އެވެ. އެ މުބާރާތް އޮންނާނީ އުތުރު އެމެރިކާގެ އެންމެ ބޮޑު ތިން ގައުމު ކަމަށްވާ. އެމެރިކާ، މެކްސިކޯ އަދި ކެނަޑާގަ އެވެ. މި އަހަރުގެ ވޯލްޑް ކަޕަށް ފަހު 32 ޓީމުގެ ފޯމެޓަށް އަމަލުކުރުން ފީފާއިން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އެމެރިކާ، މެކްސިކޯ ކެނަޑާގައި ބާއްވާ މުބާރާތުން ފެށިގެން ވޯލްޑް ކަޕްގައި 48 ޓީމު ވާދަ ކުރާގޮތަށް ފީފާއިިން ވަނީ ހަމަޖައްސައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު