ޚަބަރު
ޔާމީންގެ ވަކީލުންނަށް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ކޯޓުން ދޫކޮށްފި
ޝަރީއަތުގެ ފުރިހަމަ ރިޕޯޓްގެ ކަރުދާސްތައް
ވ. އާރަށު މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު މަހުލަރު (ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓް) ބަޔާންތަކާއެކު މިއަދު ދޫކޮށްފި އެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކުރި، ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށްލާން ހުކުމްކޮށް، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

މި މައްސަލައިގެ ތެރެއިން ރައީސް ޔާމީނަށް އުފުލާފައި ވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އެވެ. ރިޝްވަތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި އެވެ. ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާ ގުޅިގެން ކަނޑައަޅާފައި ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި ވަނީ މި ކުށުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ. އަދި ކުށްކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ކަމުން، ކުށުގެ ދަރަޖަ ކުޑަކޮށްދެވެން ނެތް ކަމަށެވެ.

ހުކުމްގެ ތަފްސީލް ރިޕޯޓް ހޯދުމަށް ގާނޫނީ ވަކީލުންގެ ޓީމުން ހަމަ އެ ދުވަހު ކޯޓަށް ހުށަހަޅާފައިވެ އެވެ. އެކަމަކު ތަފްސީލް ރިޕޯޓް މިއަދު ލިބިފައި މިވަނީ މިރިޕޯޓް ހޯދުމަށް ގާނޫނީ ޓީމުންނާއި އިދިިކޮޅު ކޯލިޝަންގެ ލީޑަރުން ކްރިމިނަލް ކޯޓަށް ތަކުރާރުކޮށް ވަޑައިގެންނެވި ފަހުންނެވެ.

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތުގެ ހުލާސާ ރިޕޯޓު ވެސް ލިބުނީ ގާނޫނުގައި އެ ރިޕޯޓު ދޭން ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒު މީގެކުރިން ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް ނުކުރެވިގެން އުޅެނީ އިސްތިއުނާފް މަރުހަލާއަށް ބޭނުންވާ އެއް މަސްދަރު ކަމަށްވާ ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަޙްޟަރު ބަޔާންތައް ހުލާސާ ރިޕޯޓުގައި ނެތުމުންނެވެ. 

ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފު ކުރަން ލިބެނީ 60 ދުވަހެވެ.

ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމަށް ކޯޓަށް އޮންނަނީ ބަންދު ދުވަސްތައް ނުލައި 14 ދުވަހެވެ. މި އަހަރުގެ ފުރަތަމަ ދުވަހަކީ ބަންދު ދުވަހެއް ކަމުން، ހަފްތާ ބަންދު ދުވަސްތައް ނުހިމަނައި ޔާމީނަށް ހުކުމް ކުރިތާ މިއަދަކީ 14 ވަނަ ދުވަހެވެ.

ޔާމީނަށް ކޮށްފައިވާ ހުކުމް ވީހާ ވެސް އަވަށް އިސްތިއުނާފު ކުރުން އެމަނިކުފާނަށް ތާއީދު ކުރާ މީހުންނަށް މުހިންމު ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ހުޅުވާލާނެތީ އެވެ. މިހާރު އޮތް ހުކުމާ އެކު އިންތިހާބުގައި ވާދަ ކުރުމުގެ ދޮރު ޔާމީނަށް ބަންދުވެފައި ވާއިރު، އިންތިހާބުގައި ވާދަ ކުރެވޭނީ ކެންޑިޑެސީ ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން ހައި ކޯޓުން ޔާމީން މިނިވަންކޮށްފި ނަމަ އެވެ.

ރައީސް ޔާމީންގެ މަައްޗަށް ކޮށްފައިވަނީ "ހަރާމް" ހުކުމެއް ކަމުގައި ބުނެ ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ދަނީ މާލޭގެ މަގުތަކާއި އެކި ސަރަހައްދުތަކަށް އެއްވެ ކޮންމެ ރެއަކު މުޒާހަރާކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު