ޚަބަރު
ޔާމީންގެ މައްސަލަ ބެއްލެވި ގާޒީ ޝަކީލު ހައި ކޯޓުގެ ފަނޑިޔާރު ކަމާ ދިމާލަށް!
ފަނޑިޔާރު އަހްމަދު ޝަކީލް
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރު އަހްމަދު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި އެވެ. 

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޝަކީލް އާއިއެކު އިތުރު ތިން ބޭފުޅަކު ވެސް ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި އެވެ. 

ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިމިލީ އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އޭނާ އިއްވިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ. މީގެ ކުރިން ޔާމީންގެ މައްޗަށް ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަލީ ރަޝީދު ވެސް ވަނީ އެހުކުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކޮށްފައެވެ.

ޖޭއެސްސީން ބުނީ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ އިސްގާޒީ ޝަކީލްގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާއި ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު ޝަނީޒް އަބްދުﷲ ގެ އިތުރުން ހުޅުމާލޭ ދޮޅަސް، ހުސައިން ޝަކީބް ކަމަށެވެ.

ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު، މަހަކު 54،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލި ޚަބަރު މީޑިއާގައި ފެތުރެން ފެށުމާއިއެކު އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް އިތުރަށް ފާޑުކިޔަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ޝަކީލް، ޔާމީންގެ މައްޗަށް ހުކުމް އިއްވީ ވެސް ޕްރޮމޯޝަން ލިބި، ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެވޭނެކަން ސަރުކާރުން ކަށަވަރު ކޮށްދިނުމުންނެވެ. 

ޖޭއެސްސީ ކޮންޓްރޯލް އޮންނަނީ ރައީސް ސޯލިހްގެ ސަރުކާރުގެ ސިޔާސީ ބޭފުޅުންގެ އަތުގައި ކަމަށް ވާތީ ސަރުކާރުން ބޭނުން ބޭފުޅަކު ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ފުރުސަތު އޮވެއެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
50%
50%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު