ޚަބަރު
ޝަރީއަތް ލައިވް ކުރުމަށް ނިޝާނާއި ފަޒްލޫން އެދިއްޖެ
ޝައިހް ނިޝާން އަދި ޝައިހް ފަޒްލޫން ކްރިމިނަލް ކޯޓުގައި
ޖޫން 21، 2022 ގައި ބޭއްްވި ޔޯގާ އިވެންޓް ހުއްޓުވުމުގައި އުފެދުނު ހަމަނުޖެހުންތަކާއި ގުޅިގެން ދައުވާ އުފުލާފައިވާ ދެ އިލްމުވެރީން ކަމަށްވާ ޝައިހު އާދަމް ނިޝާނާއި ޝައިހު ފަޒްލޫން މުހައްމަދުގެ ޝަރީއަތް ލައިވް ކޮށްގެން ކުރިއަށް ގެންދިއުމަށް ދެ ބޭފުޅުންގެ ފަރާތުން އެދެފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ވަނީ މި މައްސަލައިގެ ދެވަނަ އަޑުއެހުމެއް ބާއްވާފަ އެވެ. ފުރަތަމަ އަޑުއެހުމުގައި ވަކީލަކު އައްޔަން ކުރަން ފުރުސަތު ދީފައިވާތީ މިއަދުގެ އަޑުއެހުމަށް ދެ އިލްމުވެރިން ވެސް ވަޑައިގަތީ ވަކީލަކާއެކު އެވެ.

މިއަދުގެ އަޑުއެހުމަށް ދެ އިލްމުވެރިން ވެސް ތަމްސީލު ކުރުމަށް ދިފާއީ ވަކީލެއްގެ ގޮތުގައި، ހާޒިރުވީ ވަކީލު އަލީ ސައީދެވެ.

އޭނާ ދެ ކަމަކަށް ޝަރީއަތުގައި އެދިވަޑައިގަތެވެ. ފުރަތަމަ ކަމަކީ، ޝަރީއަތް ލައިވް ކޮށްދިނުމެވެ. ދެވަނަ ކަމަކީ، އޭނާ އައްޔަންކުރީ މިއަދު ކަމަށްވާތީ ލިޔެކިއުންތައް ދިރާސާކުރުމަށް ފުރުސަތެއް ދިނުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ޝަަރީއަތް ލައިވް ކުރުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ. ދެން އަޑުއެހުމެއް ބޭއްވޭނީ އަންނަ މާޗު މަހުގެ ތެރޭގައި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އަދި، ދައުވާތަކާ ގުޅުން ހުރި ލިޔެކިއުންތައް ދިރާސާކޮށް ދައުވާތަކަށް ޖަވާބުދާރީވުމަށާއި ދިފާއީ ހެކި ހުށަހަޅަން ބޭނުންވާނަމަ އެ ކަމަށް ވެސް ދެން އޮންނަ އަޑުއެހުމަކަށް ތައްޔާރުވެގެން އައުމަށް ދިފާއީ ވަކީލަށް ގާޒީ ފާއިޒު އެންގެވި އެވެ.

ޝައިހް ފަޒްލޫނާއި ޝައިހް ނިޝާން ވަނީ އެބޭފުޅުންގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތަށް ތަހުގީގު މަރުހަލާގައި އިންކާރުކުރައްވާފަ އެވެ.

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މި ދެ ބޭފުޅުން މަހަކަށް ވުރެ ގިނަ ދުވަހު ޖަލުގައި ބަންދުކޮށްގެންވެސް ގެންގުޅުނެވެ. ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމުގައި ދެ އިލްމުވެރިންނާއެކު 18 މީހަކަށް ވަނީ ދައުވާ ކޮށްފަ އެވެ. ޝަރީއަތް ހިންގަނީ އެކި މީހުން ވަކިންނެވެ. އެކަމަކު ހެކި ރައްކާތެރިކުރުމުގެ އަމުރާމެދު ގޮތެއް ނިންމާއިރު ހުރިހާ އެންމެންގެ ޝަރީއަތް އެއްކޮށް ކުރިއަށް ގެންދިއުމަށް ދައުލަތުން ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު