ޚަބަރު
އިސްލާމީ ވެރިކަމެއްގެ ވައުދާއެކު އުމަރު ކެމްޕެއިން ފައްޓަވައިިފި
ރާއްޖެއަށް މުހިންމު / ބޮޑު 50 ބަދަލެއް ގެނައުމުގެ ވައުދާއެކު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މި އަހަރު އޮންނަ ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން ރަސްމީކޮށް މިރޭ އިއުލާނު ކޮށްފި އެވެ.

އުމަރުގެ ކެމްޕޭން ލޯންޗުކޮށްފައި ވަނީ ސަލްޓާން ޕާކުގައި ރޭ ބޭއްވި ޖަލްސާއެއްގައެވެ. އެ ޖަލްސާގައި އުމަރު ވިދާޅުވީ ރައްޔިތުން ވަނީ އެންމެ ބޮޑު ދެ ޕާޓީއަށް ފުރުސަތު ދީފައި ކަމަށާއި ނަމަވެސް ރައްޔިތުންނަށް އެކަމުން ފައިދާއެއްނުވެ އެ ޕާޓީތައް ފެއިލްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުން އާ މިސްރާބަކަށް ގެންދިއުމަށްޓަކައި ކަމަށެވެ.

އުމަރު ވިދާޅުވީ އެ މިސްރާބަކީ 2045 ވަނަ އަހަރު އަންނަ އިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ބަދަލުކުރުން ކަމަށެވެ. ވެރިކަމުގައި އޭނާގެ ޒިންމާއަކީ އިޖުތިމާއީ އަދި އިގުތިސޯދީ މައްސަލަތައް ހައްލުކޮށްދެއްވައި އިގުތިސޯދު ޑައިވާސިފައިކުރައްވައި ދިގު މުއްދަތުގެ ތަރައްގީގެ މަޝްރޫއުތައް ފެށޭނެ އިންތިޒާމު ހަމަޖައްސައިދެއްވުން ކަމަށެވެ.

ސިންގަޕޫރާއި ރާއްޖޭއަށް މިނިވަންކަން ލިބުނީ ދާދި އެއް ދުވަސްވަރެއްގައި ކަމަށާއި އެއިރު ރާއްޖެ އޮތީ އިގުތިސޯދީ ގޮތުން މާކުރީގައި ކަމަށެވެ. ނަމަވެސް މިހާރު ރާއްޖެ މިވަނީ ފަހަތައް ސޮއްސާލާފައި ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ އެބޭފުޅާގެ ވެރިކަމެއްގައި ދިވެހި ދައުލަތުގެ ތެރޭގައި އިސްލާމްދީނުގެ ދައުރު، މުޅިން އެހެން ހަރުފަތަކަށް އުފުލާލާނެ ކަމަށެވެ. އެގޮތުން އިސްލާމީ އުސޫލުތަކާއި އިސްލާމީ ޝަރީއާގެ ހަމަތައް ވެގެންދާނީ އެ ދައުލަތުގެ އެންމެ މަތީ އުންސުރަށް ކަމުގައި ވިދާޅުވިއެވެ.

"ދިވެހި ދައުލަތް ހިންގާނީ އިސްލާމީ ވެރިއެއް. އޭނާ ދޮގެއް ނުހަދާނެ. އޭނަ ރަލެއް ނުބޯނެ. އޭނަ ވައްކަމެއް ނުކުރާނެ. އޭނަ ޝަހުވަތުގެ ފަހަތަކުން ނުދުވާނެ. އެއީ އިސްލާމީ ވެރިއެއްގެ ގައިގައި ހުންނަންޖެހޭ ސިފައަކީ. ﷲ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް އެ ސިފަތައް އަޅުގަނޑުގެ ކިބައިން ދައްކާނަން." އުމަރު ވިދާޅުވި އެވެ.

ރޭގެ ވާހަކާގައި އުމަރު ވަނީ މަސްތުވާތަކީ އެތެރެކުރާ މީހުންނަށް މަރުގެ އަދަދު ދޭނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އަދި ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖެ މިހާރު ދަތުރުކުރަމުން މިދާ ގޯސް މިސްރާބު ބަދަލުކޮށް ދިވެހިރާއްޖެ މުޅީން އާ މިސްރާބަކަށް ގެންދިއުމަށްޓަކައި މާތްﷲގެ ވާގިފުޅާއެކީގައި އަންނަ ރިޔާސީ އިންތިހާބުގައި އަޅުގަނޑު ވާދަކުރާނެކަން މިރޭ އިއުލާނު ކުރަން،" އުމަރުގެ ދިގު ތަގުރީރު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު