ކޯޓުންތަކުން މުއްދަތު ގުނާގޮތް އެއްގޮތްކުރަން ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފި
އިސްމާއިލް ރިޒާ
07 ފެބުރުއަރީ 2023 - 11:41
0 comments
މަދަނީ މައްސަލަތަކުގައި ކޯޓުތަކުން މުއްދަތުތައް ގުނާނެ ގޮތް އަންގައި ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑިރެކްޝަނެއް އިއްޔެ ނެރެފި އެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަސިމް އަދުނާން ސޮއިކުރައްވާ ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ކޯޓަކުން ކުރާ ޙުކުމެއްގައި ނުވަތަ އަމުރެއްގައި ނުވަތަ އެނޫންވެސް ނިންމުމެއްގައި، މުއްދަތު ގުނާއިރު، ހަތް ދުވަހަށްވުރެ ދިގު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަސް ނުހިމަނައި، އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންކަމަށް ވިދާޅުވެފައެވެ. އަދި، ހަތް ދުވަހަށްވުރެ ކުރު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހާއި އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާކަމަށްވެސް އެ ޕްރެކްޓިސް ޑައިރެކްޝަނެގައި ބަޔާންކުރެއެވެ.މުއްދަތު ގުނާއިރު، ވަކި ކަމެއް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ނިމި، ދުވަސް ދިމާ ވަނީ ރަސްމީ ބަންދު ދުވަހަކަށް ކަމުގައިވާ ނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެކަން ކުރުމުން އެ މުއްދަތުގެ ތެރޭގައި އެކަމެއް ކުރެވުނީ ކަމުގައި ބެލޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އިރުޝާދުގައި ވަނީ ބުނެފައެވެ.އެކަމަކު، ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭކަން ބަޔާންކޮށް ކޯޓުން އަންގައި އެންގުންތަކުގައި އެކަމެއް ފުރިހަމަކޮށް ކޯޓަށް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި ހިމަނަންވާނެ ކަމަށް އެ އިރުޝާދުގައި ވަނީ ބުނެފައެވެ.ސުޕްރީމް ކޯޓުން މި އިރުޝާދު ނެރުނީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޯޓުތަކުން މުއްދަތު ގުނުމުގައި އެއް އުސޫލަކުން އަމަލުކުރަން ލާޒިމުކުރާތީއެވެ.ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި، ޝަރީއަތްކުރުމުގެ ގިނަ އިޖުރާއަތްތަކާއި ޝަރީއަތުގެ މަރުހަލާތައް ހިނގަނީ ވަކި މުއްދަތުތަކެއް ކަނޑައެޅިގެން އެ މުއްދަތެއްގެ ތެރޭގަ އެވެ. އެހެންވެ، ކޯޓުުތަކުން މުއްދަތު ގުނާ ގޮތް އެއްގޮތް ކުރުން މުހިންމެވެ.