ޚަބަރު
ރިޝްފާގެ ކަންބޮޑުވުމަށް ފުލުހުން ދިން ޖަވާބު!
ފިލްމީ ތަރި އައިމިނަތު ރިޝްފާ
ފިލްމީ ތަރި އާމިނަތު ރިޝްފާގެ ޒާތީ ފޮޓޯތަކަކާއި ވީޑިއޯތަކެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާ ކަމަށް އޭނާ ތުހުމަތުކޮށްފި އެވެ. ނަމަވެސް، ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ހެކި ބެލެހެއްޓުމުގައި އަމަލުކުރަނީ ގާނޫނާ އެއްގޮތަށް، ދުނިޔޭގެ އެހެން ގައުމުތަކުގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށްކަމަށެވެ.

އަދި ފޮރެންސިކް ލެބޯޓްރީގެ މަސައްކަތްތައް ތަރުތީބުކޮށްފައި ހުންނާނީ ޒާތީ މައުލޫމާތު އާންމު ނުވާނެހެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ހިދުމަތަށް އޮވޭ. ފޮރެންސިކް ލެބޯރަޓަރީގެ މަސައްކަތްތައް ތަރުތީބުކުރެވިފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ގޮތަށް،" ފުލުހުން ބުނެފައިވެ އެވެ.

ރިޝްފާ ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނުގެ ޕާސްވޯޑް މިދިޔަ ޑިސެމްބަރ މަހު ފުލުހުންނަށް ދިނިން ކަމަށެވެ. އޭގެ ފަހުން މިހާރު އާއްމު ވެބްސައިޓްތަކުގައި އޭނާގެ ޒާތީ ފޮޓޯތަކާއި ވީޑިއޯތައް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ފޯނަށް އެކްސެސް ވެވޭނީ ހަމައެކަނި ފުލުހުންނަށް ކަމަށް ބުނެ ރިޝްފާ ކުރި ސުވާލަކީ މިފަދަ ކަންކަން ފުލުހުން ކުރާނަމަ ފުލުހުން އާއްމުންނަށް ރައްކާތެރިކަން ދޭނީ ކިހިނެއްތޯއެވެ. ރިޝްފާ ބުނީ އޭނާ ފޯންގެ ޕާސްވޯޑް ފުލުހުންނަށް ދިނީ އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލަ އާއި ގުޅިގެން ފުލުހުން ކުރާ ތަހްގީގަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

ނަމަވެސް ފޮޓޯތަކާއި ވީޑިއޯތައް ލީކްކޮށްލައި އޭނާގެ އަބުރު ގެއްލުވާލުމުން އެކަމުގެ ޒިންމާ ނަގާނީ ކާކުތޯ ރިޝްފާ ސުވާލު ކޮށްފައި ވެއެވެ.

"މިކަމާ ޒިންމާވާނީ ކާކު؟ ޔުނީފޯމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ 'ވިޔާނުދާ' ބަޔަކަށް އިތުބާރު ކުރާނީ ކިހިނެއް؟ އަހަރެންގެ އަބުރު ކަތިލެވޭ ގޮތަށް މިކަން ކުރި ބަޔަކު ހޯދައި އިންސާފު ހޯދަން ކޯޓަށް ވެސް ދާނަން،" ރިޝްފާ ބުންޏެވެ.

ބަޔަކާއެކު ޕާޓީ ކުރަނިކޮށް ރިޝްފާ ހައްޔަރު ކުރީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ. ރިޝްފާގެ މައްޗަށް މަސްތުވާތަކެތި ވިއްކާ ކަމުގެ ތުހުމަތުވެސް ފުލުހުން ކޮށްފައިވެއެވެ. 

އެ މައްސަލާގައި ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ރިޝްފާ ގެންގުޅުނެވެ. ފަހުން ކޯޓުން ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކޮށްދޭން ފުލުހުން އެދިފައި ވަނިކޮށެވެ. ނަމަވެސް ކޯޓުން ދޫކޮށްލީ ހެކި ނެތުމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
47%
41%
12%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު