
މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ. ސަރުކާރުގެ ފަރާތުން ބިލު މަޖިލީހަށް ހުށަހެޅުއްވީ، ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ރާޝިދެވެ.މި ޤާނޫނަށް އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުން ބުނެފައިވަނީ ރާއްޖެއަށް ކުނި އެތެރެކުރުމާއި ގުޅޭގޮތުން ބަޔާންކުރާ އުސޫލުތައް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްކުރުމުގެ ގޮތުން، ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައެޅުން ކަމަށެވެ.މީގެއިތުރުން ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމުގެ ގޮތުން، ގާނޫނު ތަންފީޒުކުރާ އިދާރާތައް ކަމުގައިވާ މިނިސްޓްރީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ބުނެވިދިޔަ ޤާނޫނުގައި ބަޔާންކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން ހިމެނެއެވެ.މި ގާނޫނު ފާސްކުރިއިރު، ޤާނޫނުގައި އޮތީ މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައަކާ ލައިގެން ރާއްޖެއަށް ކުނި އެތެރެކުރެވިދާނެ ކަމަށެވެ. މިގޮތަށް މިގާނޫނު ފާސްކުރުމުން އެކަމުގެ ކަންބޮޑުވުން ގިނަ ފަރާތްތަކަކުން ފާޅުކުރުމުން ސަރުކާރުން ވަނީ ރާއްޖެއަށް ކުނި އެތެރެކުރުމަކީ ސަރުކާރުގެ ސިޔާސަތާ ހިލާފު ކަމެއް ކަމަށްބުނެ އެ ބައި އިސްލާހު ކުރާނެ ކަމަށް ބުނެފައެވެ.މިހާރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، އެއްވެސް ފަރާތަކުން ދިވެހިރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމަށެވެ.މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީން، ރާއްޖެށް ކުނި އެތެރެކުރެވޭ ގޮތަށް ގާނޫނުގައި ހިމެނި ސަބަބެއްގެ ގޮތުގައި އޭރު ބުނެފައި ވަނީ، ކުނިން ހަކަތަ އުފެއްދުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ އިރު، ކުނި ލިބުމުގައި ދަތިވެއްޖެ ހާލަތެއްގައި އެ ހުއްދަ އޮތުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭތީ ކަމަށެވެ.