ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ބޭރުގެ ބައެއް ވެބްސައިޓުތަކުން ވިޔަފާރިކުރެވޭ މިންވަރު މިއަދު ލިމިޓުކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ކާޑު ބައެއް ފަރާތްތަކުން ވަރަށް ގިނަ އަދަދަކަށް ވިޔަފާރީގެ ބޭނުމަށް ބައެއް އޮންލައިން ވެބްސައިޓުތަކުން ބޭނުންކުރާ ކަމަށެވެ.މީގެ ސަބަބުން، ބޭންކުން ވަރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ވިއްކަން ޖެހޭ ކަމަށާއި އާންމުންގެ ޒަރޫރީ ބޭނުންތަަކަށް ބޭރު ފައިސާ ފޯރުކޮށްދޭން މިއީ ވެސް ދައްޗެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.ޝަރީފް ވިދާޅުވީ، ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، މި ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބީއެމްއެލްއިން ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
"އެހެންކަމުން އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ވަނީ ކަނޑައެޅިފައި،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސައިޓްތަކަށް މިވަގުތު ބަދަލު ނުގެނެސް މިހާރުވެސް ބޭނުން ކުރެވޭވަރުގައި ބެހެއްޓޭނެކަމަށް ޝަރީފް ވިދާޅުވި އެވެ. ހަމަހަމަކޮށް ހުރިހާ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އިމިގްރޭޝަންއާ އެކު ޑިޖިޓަލް އިންޓަގްރޭޝަނެއް ގާއިމްކޮށް، އެ މީހެއްގެ ނަންމަތީ އޮންނަ ކާޑު ބޭރުގެ ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭނީ ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރެގެން އެކަނި ކަމަށް ވެސް ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ.