ޚަބަރު
އިސްތިއުނާފު ނިމެންދެން ފުއްގިރި ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ ނިމެންދެން، ދަށު ކޯޓުގައި ކުރިއަށްދާ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރިކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރެ އެވެ.

އެ މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އެންގީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެފަދަ އަމުރަކަށް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުންނެވެ.

މި މައްސަލައިގެ ޝަރީއަތް ފެށުމަށް ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޔާމީންގެ ފަރާތުން އެދިފައި ވަނީ އިސްތިއުނާފުގެ ޝަރީއަތް ކުރިއަށްދާ މުއްދަތުގެ ތެރޭގައި އަޑުއެހުމެއް ބޭއްވުމަށް ކްރިމިނަލް ކޯޓުން ނޯޓިސްއެއް ފޮނުވާފައި ވަތީ ޝަރީއަތް މަޑުޖައްސައިލުމުގެ ވަގުތީ އަމުރަކަށެވެ.

އެ ބެންޗުގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ މައްސަލާގައި ކޯޓުން ވަކި ގޮތެއް އަންގަންދެން ނުވަތަ ގޮތެއް ނިންމަން ދެން ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް އެ މައްސަލައާ ގުޅިގެން ކުރިއަށް ނުގެންދިޔުމަށް އަމުރުކޮށްފަ އެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅުއްވި އިސްތިއުނާފީ މައްސަލާގައި ފާހަގަކުރައްވާފައި ވަނީ ފުއްގިރި މައްސަލައާ ގުޅުންހުރި މުހިއްމު ގިނަ ލިޔެކިޔުންތަކެއް ދައުލަތުން ހާމަކުރަން ދެކޮޅުހަދާފައިވާ ކަމަށެވެ. އަދި އެ ހެކިތައް ހާމަކުރަން އެދުމުން އެ ހެކިތައް ހާމަކުރަން ނުޖެހޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ވެސް ވަކީލުން ހުށައަޅާފައިވެ އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ޔާމީންގެ ވަކީލުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު