ވިޔަފާރި
ފަތުރުވެރިކަން ތަޖުރިބާ ކުރަން އިޓަލީގެ ނޫސްވެރިންގެ ޓީމެއް ރާއްޖެއަށް
ދިވެހި ފަތުރުވެރިކަން ތަޖުރިބާ ކޮށްލަން ރާއްޖެ ޒިޔާރަތް ކުރި އިޓަލީގެ ނޫސްވެރިންގެ ޓީމެއް
ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާ ކޮށްލަން އިޓަލީގެ ނޫސްވެރިންގެ ޓީމެއް އަތުވެއްޖެއެވެ.

މިޓީމު ރާއްޖޭގައި 26 މާރޗްއިން 2 އޭޕްރީލްގެ ނިޔަލަށް ތިބޭނެއެބެ.

އެމްއެމްޕީއާރުސީން ބުނީ މި ދަތުރުގައި އިޓަލީގެ މިޓީމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަފާތު ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކުރާނެކަމަށެވެ. މިދަތުރަކީ ޓާކިޝް އެއަރލައިންސްއާ ގުޅިގެން ކުރިއަށް ގެންދާ ދަތުރެކެވެ.

މި ޓީމުގައި ހިމެނެނީ 5 ނޫސްވެރިންނާއި އެމްއެމްޕީއާރުސީން އިޓަލީއަށް ކަނޑައަޅާފައިވާ ޕީއާރު އޯގަނައިޒޭޝަން، ޓޫރިޒަމް ހަބް ތަމްސީލްކުރާ ފަރާތެކެވެ. 

މި ނޫސްވެރިންގެ ޓީމުން ފަތުރުވެރިކަމުގެ އެކި ކަންކަން ތަޖުރިބާ ކުރާނެ ކަމަށާއި އަދި މި ދަތުރުގައި ކުރެވޭ ތަޖުރިބާ އެ ނޫސްވެރިން މަސައްކަތް ކުރާ މީޑިއާ މެދުވެރިކޮށް ގެނެސްދޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށް، ރާއްޖެ އިޝްތިހާރު ކުރުމަށް އިޓަލީގެ ނޫސްވެރިންތަކެއް ރާއްޖެއައި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އިޓަލީގެ ނޫސްވެރިންތަކެއް ވަނީ ރާއްޖެއަށް އައިސްފައެވެ.

އެމްއެމްޕީއާރުސީއިން މި އަހަރު އިޓަލީން އަންނަ ފަތުރުވެރިން އިތުރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު، އޭގެ ތެރޭގައި މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާ ގުޅިގެން ޖޮއިންޓް މާކެޓިންގ ކެންޕޭންތައް ކުރިއަށްގެންދިޔުމާއި އެހެނިހެން ހަރަކާތްތަކާއި ކެމްޕޭންތައް ހިމެނެއެވެ.

މި މަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް 4000އާއި 7000އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް ފަސް ލައްކައަސް ވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައި ވާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓުތަކުގެ ތެރޭން އެއްވަނައިގައި ވަނީ ރަޝިޔާއިންނެވެ. އެގޮތުން ރަޝިއާއިން 60،590 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާއިންނެވެ. އެއީ 52،734 ފަތުރުވެރިންނެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ، އިނގިރޭސިވިލާތެވެ. އެ ގައުމުން އައިސްފައި ވަނީ، 45،545 ފަތުރުވެރިންނެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ޢާންމުގޮތެއްގައި ރާއްޖޭގައި މަޑުކުރަނީ އަށް ދުވަހުއެވެ.

ޓޫރިސްޓުން މަޑުކުރާ ތަންތަނަށް ބަލާއިރު، ރާއްޖޭގައި ހަދާފައިވާ 173 ރިސޯޓުގެ ތެރެއިން 169 ރިސޯޓެއް އޮޕަރޭޓް ކުރާއިރު، އެއީ އެނދުގެ ނިސްބަތުން ބަލާއިރު 41،141 އެނދެވެ. އަދި 13 ހޮޓެލުން 1640 އެނދު، 894 ގެސްޓް ހައުސް އިިން 14،642 އެނދުގެ އިތުރުން، 153 ސަފާރީއަކުން 2،959 އެނދު ދަނީ އޮޕަރޭޝަނުގައި ބޭނުން ކުރަމުންނެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖެއަށް މި އަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މި އަދަދަށް ޓޫރިސްޓުން އައިސްފިނަމަ، 1.7 މިލިއަން ޓޫރިސްޓުން އައި 2019 ވަނަ އަހަރުގެ ރެކޯޑު މުގުރާލެވޭނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު