މާލޭގައި އެންމެ ފުރަތަމަ ހެދި ފްލެޓް އިމާރާތްތައް ކަމަށްވާ ސިނަމާލެ އާއި މާލެހިޔާ އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ވަނީ ސިނަމާލެ 1،2،3،4 ގެ ފްލެޓުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އަންނަ ބުރާސްފަތި ދުވަހު އޭގެ މައުލޫމާތު ސާފުކުރުމަށް ފަހު، އަގު ހުށަހަޅަން ޖެހެނީ އިއުލާނުގައިވާ ގޮތުން އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
ސިނަމާލެ ފްލެޓުތައް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބައެއްގެ އިތުރުން އެ ފްލެޓުތަކާއި މާލެހިޔާ ފްލެޓުތަކުގެ ލިފްޓުތައް މަރާމާތުކޮށް، ސާވިސް ކޮށްދޭނެ ބަޔަކު ވެސް ބީލަން ހުށަހަޅަން ސިޓީ ކައުންސިލުން ފުރުސަތު ހުޅުވައިލި އެވެ.މީގެ އިތުރުން، ސިނަމާލެ 3، 4 އާއި މާލެ ހިޔާ 1 އަދި 2 ގެ ލިފްޓުތައް ސާވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ވެސް އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ. ފާހަގަކުރެވޭ ގޮތުގައި، ސިނަމާލެ ފުލެޓުތަކާއި މާލޭހިޔާ ފުލެޓުތަކަށް 1990ގެ އަހަރުތަކުގައި މީހުން ބަދަލުވީއިރު އެއީ ޖާގަ ތަނަވަސް، އެ ޒަމާނަށް ބަލާއިރު ފެންވަރު ރަނގަޅު ފުލެޓުތަކެކެވެ. އޭގެ ފަހުން 35 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާއިރު، އެ ފުލެޓުތަކުގެ އެތެރެއާއި ބޭރުން ވެސް ފެންނަނީ ވީރާނާކަމެވެ.
އެ ފުލެޓުތަކުގެ ލިފްޓުތައް ހުއްޓުމާއި ވާރޭވެހިއްޖެ ނަމަ ފެން ފޭބުން ފަދަ އެތައް މައްސަލައެއް އެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތި ވެއެވެ.