އިބްރާހިމް އައިސަމްގެ ގޯލުތަކާއެކު 2-0 އިން ކްލަބް އީގަލްސް ބަލިކޮށް، މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް މުބާރާތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިރޭ ކާމިޔާބު ކޮށްފި އެވެ.
މިރޭ ކުޅުނު ފައިނަލުގައި މާޒިޔާގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެން ދިޔައިރު، އީގަލްސްއިން ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް އުފައްދާފައެވެ. މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައިވެސް މި ދެޓީމުގެ ފަރާތުން ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ.ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި މާޒިޔާގެ ހަންނަ ޖާގަ ހުސްކޮށްލާފައި ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އެ ޓީމުގެ އިބްރާހިމް އައިސަމް ޖެހި ޝޮޓް ވަނީ ބްލޮކްވެފަ އެވެ. އީގަލްސްގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 13 ވަނަ މިނިޓްގަ އެވެ. އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ރިޒޭ ޖެހި ބޯޅަ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ.މާޒިޔާ އިން މެޗުގެ ކުރީކޮޅުގައި ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ ފުރުސަތު ތަނަވަސްކުރެވޭތޯ ބެލި އެވެ. އެ ގޮތުން މެޗުގެ 19 ވަނަ މިނިޓްގައި މާޒިޔާގެ ނިހާޓް އޭރިއާ ރޮނގުމަތިން ޖެހި ބޯޅަ ދިޔައީ ގޯލު ހުރަސްދަނޑިމަތިންނެވެ.މާޒިޔާ އަށް ދެ ވަނަ ގޯލެއް ޖަހައިދޭން މެޗުގެ 87 ވަަނަ މިނިޓްގައި އޭރިއާތެރެއިން ހަންނަ ހުސްކޮށްލާފައި ޖެހި ބޯޅަ ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން، އީގަލްސްގެ ބްރެޒިލް ފޯވާޑް، އިވާން މަތި މަތިން އޭރިއާތެރެއަށް ކުޅުނު ދިގު ބޯޅައެއް ކޮންޓްރޯލް ކޮށް އީގަލްސްގެ ޒައިން ޒަފަރު އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ބޯޅަ ދީގެން ޖަހަން މަަސައްކަތްކުރި ނަމަވެސް ބްލޮކްވީ އެވެ.މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތަށް ދެއްކި ހަތަރު މިނެޓުގެ ތެރޭގައި މާޒިޔާއިން ލީޑު ފުޅާކުރިއެވެ. އެ ގޯލުވެސް ޖެހީ އައިސަމްއެވެ. އޭރިއާ ތެރެއިން އީގަލްސްގެ ދެ ކުޅުންތެރިން ނައްޓުވާލައި، އައިސަމް ހަނިކަނުން ގޯލު ތެރެއަށް ބޯޅަ ވައްދާލީ މަތީ ދާގަނޑަށް އަމާޒުކޮށެވެ. ފުރިހަމަ ގޯލަކާ އެކު އޭނާ ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވާ އިރު، އެ ގޯލާ އެކު މާޒިޔާއިން ޕްރެސިޑެންޓްސް ކަޕް ޔަގީން ކުރިއެވެ.އީގަލްސް އިން 2016 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމަށް ކުޅުނު އައިސަމް މި ގޯލު ޖެހީ އޭރިއާތެރެއިން އީގަލްސް ކުޅުންތެރިއަކު ކައިރިން ނައްޓާފައި ހަނި އޭންގަލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ކީޕަރު ޝަފީއު އަތްމަތިން ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ.
މިއީ ޕްރެޒިޑެންޓްސް ކަޕްގެ ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާ 69 ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1946 ވަނަ އަހަރުގައެވެ.