ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެއްޓުމުގެ ގޮތުން މިރޭ ކުޅުނު މެޗުގައި ކްލަބް އީގަލްސް 2-1 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަސް ވަނަ ފަަހަރަށް ޝީލްޑް އުފުލާލައިފި އެވެ.

އެންމެ ގިނަ ފަހަރު ޝީލްޑް އުފުލާލުމުގެ ރެކޯޑް އޮތް މާޒިޔާ އިން މި ވަނީ 2015، 2016، 2017، 2021 އަދި 2023 ވަނަ އަހަރު އެވެ. އީގަލްސް އިން ވަނީ 2020 ވަނަ އަހަރު މާޒިޔާ ބަލިކޮށް ޝީލްޑް އުފުލާލައިފަ އެވެ.މިރޭގެ މެޗަކީ، ހަތް މަސް ދުވަހަށް ފަހު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ. އެކި ސަބަބުތަކާ ހުރެ، ސީޒަން ފެށުން ދިގުލައި ގޮސް، ގިނަ ޓީމުތައް އޮތީ ޕްރެކްޓިސް ވެސް ނުފަށަ އެވެ.އާ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވި ދެ ޓީމުގެ ކުރިމަތިލުމުގެ ފުރަތަމަ ގޯލް ވައްދާލީ މާޒިޔާ އިންނެވެ. މި ގޯލް 15 ވަނަ މިނެޓުގައި ޖެހީ އީގަލްސް ދޫކޮށް މި ސީޒަނުގައި މާޒިޔާ އަށް ބަދަލުވި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އޭގެ ދެ މިނެޓު ފަހުން މާޒިޔާގެ ސްޓެފަން މިހަލޮވިޗް، އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ.އީގަލްސް އިން 73 ވަނަ މިނެޓުގައި އަސްކަރްބެކް ސަލިއޭފްގެ ގޯލުން މާޒިޔާ ހާސްކޮށްލި އެވެ. އަދި މެޗުގެ 78 ވަނަ މިނިޓްގައި އޭރިއާތެރެއިން މާޒިޔާގެ ހަމްޕު ޖެހި ބޯޅަ ވެސް ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން، އޭރިއާތެރެއިން މާޒިޔާގެ ނާއިޒު ހަސަން (ދާދު) ޖެހި ބޯޅަ އީގަލްސް ޑިފެންޑަރަކު ފައިގައި ޖެހިފައި ދިޔައީ އަރިމަތިން ބޭރުންނެވެ.އިތުރު ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރަން އީގަލްސް އިން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ.މި ސީޒަންގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް މާޒިޔާއަށް ލިބުނު ފައިސާގެ އިނާމު ހަދިޔާކޮށްފައިވަނީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްއަށެވެ. އަދި އީގަލްސްއަށް ލިބުނު ފައިސާގެ އިނާމު ހަދިޔާކޮށްފައިވަނީ އެޑްވޮކޭޓިން ދި ރައިޓްސް އޮފް ޗިލްޑްރެން (އާކް)އަށެވެ.