ޚަބަރު
ނޫސްވެރިކަމުގެ މިނިވަން: 13 ދަރަޖަ ފަހަތަށް ރާއްޖެ ސޮއްސާލައިފި
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަ ކުރާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 13 ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އާންމުކުރާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ލިސްޓްގައި 180 ގައުމު ހިމެނެ އެވެ.

މިއީ ފާއިތުވެ ދިޔަ ފަސް އަހަރުގައި މި އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔަ ދެވަނަ ފަހަރެވެ. އެގޮތުން, 2018 ވަނަ އަހަރު ރާއްޖެ 120 ވަނައިގައި އޮތް އިރު، 2019 ވަނަ އަހަރު ރާއްޖެ އޮތީ 98 ވަނަ އެވެ. އަދި 2020 ވަނަ އަހަރު 79 ވަނައިގައި އޮތް އިރު، 2021 ގައި 72 ވަނައަށް ރާއްޖެ ޖެހިލި އެވެ.

އެކަމަކު އަނެއްކާ ވެސް 2022 ވަނަ އަހަރު 15 ދަރަޖަ ވެއްޓި ރާއްޖެ އޮތީ 87 ވަނައިގަ އެވެ. އެއާއެކު, މިދިޔަ ދެ އަހަރުގެ ރޭންކިންތަކަށް ބަލާއިރު ރާއްޖެ ވަނީ 28 ދަރަޖަ ސޮއްސާލާފަ އެވެ.

ރާއްޖޭގެ ރޭންކިންއާ އެކު ނެރުނު ކަންޓްރީ ޕްރޮފައިލްގައި އާރުއެސްއެފްއިން ވަނީ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެކަށީގެންވާ މަސައްކަތްތައް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އާންމުކޮށްފައިވާ ރިޕޯޓްގައި ހެއްކާ ބެހޭ ގާނޫނު މަޖިލީހުން ފާސްކުރިއިރު ނޫސްވެރިންނަށް ލިޔާ ހަބަރުގެ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ގާނޫނު އޮތުމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްފަހު ނޫސްވެރިކަމުގެ މިނިވަންކަން ހޯދައިދިނުމަށް މަސައްކަތްތައް ކޮށްފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެެވެ.

މިރިޕޯޓްގައި ވަނީ ރާއްޖޭގެ ނޫސްތަކަށް އިޝްތިހާރު ދިނުމުގައި އަމަލުކުރާ ގޮތަށް ފާޑުކިޔާފަ އެވެ. އެގޮތުން އިޝްތިހާރު ދިނުމުގައި ހާމަކަމެއް ނެތް ކަން ފާހަގަކޮށްފައިވެ އެވެ. އަދި ނޫސްތަކަށް ފާރަވެރިވާނެ ގޮތެއް ނެތި މިނިވަންކަމަށް ގޮންޖެހުންތަކެއް ހުރި ފާހަގަކޮށްފައިވެ އެވެ.

ނޫސްވެރިންނަށް ފުރައްސާރަ ކުރުމުގެ މައްސަލަތަކާއި ނޫސްވެރިންނަށް ދޭ ހަމަލާތަކުގައި އެކަށީގެންވާ ގޮތަކަށް ފިޔަވަޅު އެޅެމުން ނުދާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ ތިންވަނަ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު