ޚަބަރު
ނަޝީދަށް އިންސާފު ހޯދައިނުދިނުމަކީ ރާވައިގެން ހިންގާ ޖަރީމާ އެއް: އަމްރު
އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކުގައި ނަޝީދުގެ ފަޅީގައި ހުންނެވި އަމްރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ދެ އަހަރު ވެގެންދިޔައިރު ވެސް އެމަނިކުފާނަށް އިންސާފު ހޯދައިނުދިނުމަކީ ރާވައިގެން ހިންގާ ޖަރީމާ އެއް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

މޭ 6، 2021 ވަނަ ދުވަހުގެ ރޭ 8:27 ހާއިރު ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ބޮމުގެ ހަމަލަ އަށް ދެ އަހަރު ފުރުމާ ގުޅިގެން، ކުރެއްވި ޓްވީޓްގައި އަމްރު ވިދާޅުވީ ބޮމުގެ ހަމަލާގެ މައުލޫމާތު ހަމަލާގެ ކުރިން ސަރުކާރަށް އެނގިތިބެ އަޅާނުލާ އަދި ހަމަލާއަށް ދެ އަހަރު ވީއިރު އެ ހަމަލާ ރޭވި މީހުން ހޯދިފައި ނެތް ކަމަށެވެ.

"6 މޭ 2021 ގަ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައުލޫމާތު އޭގެ ކުރިން ސަރުކާރަށް އެނގި ތިބެ އަޅާނުލާ އަދި ހަމަލާ އަށް 2 އަހަރު ވީއިރު އެ ހަމަލާ ރޭވި މީހުން ނުހޯދި ރައީސް ނަޝީދަށް އިންސާފު ނުހޯދައިދިނުމަކީ ރާވައިގެން ހިންގާ ޖަރީމާއެއް،" ނަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައްވަމުން ހަސަން ވިދާޅުވި އެވެ.

ނަޝީދަށް ދިން ހަމަލައިގެ ސަބަބުން އެ މަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވެ، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިގަތެވެ. އަދި އެ އާލާސްކަންފުޅުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެވެ.


ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި 6 2021 ވަނަ އަހަރު ދިން ހަމަލާއަށް ފަހު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓުން އެތައް ކަމެއް ހާމަވެގެން ދިޔައެވެ. ހާދިސާ ހިނގާދިޔުމުގައި އެތައް އިހުމާލެއް ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

މިހާތަނަށް އެ މައްސަލާގައި ހުކުމެއް އައިސްފައި ވަނީ އެންމެ މީހެއްގެ މައްޗަށެވެ. އެއީ ބޮމުގެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމްގެ މައްޗަށެވެ. އޭނާގެ މައްޗށް އައިސްފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

ހަމަލާއާއި ގުޅިގެން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއީ 2019 ވަނަ އަހަރުން ފެށިގެން ރާވަމުން އައިސް، މިކަމަށް އެތައް ހަރަދުތަކެއް ކޮށްފައިވެއެވެ. ހަމަލާގައި ޢަމަލީގޮތުން ބައިވެރިވި މީހުން ސަލާމަތްކުރަން މަސައްކަތްކުރަނީ، ހަމަލާ ރޭވުމަށާއި ގާނޫނީ ވަކީލުންނަށް ފަންޑުކުރި މީހުންތޯ ސުވާލު އުފައްދަވައި ވަކީލުންނަށް ފަންޑުކުރި މީހުން ހޯދާ އާންމުކުރަން ޖެހޭ ކަމަށާއި، ފައިސާގެ މުއާމަލާތްތައް ހިނގާފައިވާ ގޮތް ސާފުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް އޭރު ގޮވާލިއެވެ.

އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު، އިނގިރޭސި ވިލާތުގެ އައްބާސް ފާއިޒް ވެސް ވަރަށް ފަހުން ވިދާޅުވެފައި ވަނީ ޓެރަރިސްޓް ހަމަލާގެ ބައިވެރިންގެ މައްޗަށް ހިންގާ ޝަރީއަތް ލަސްވާ ކަމަށް އިދާރާތަކުން ބުނާ ސަބަބު ބަލައި ނުގަނެވޭ ކަމަށެވެ.

"މި މައްސަލައިގެ ޝަރީއަތް ލަސްވާން ޖެހޭ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ރާއްޖޭގެ ޝަރުއީ އިދާރާތަކަށް ދެއްކިފައެއް ނެތް," ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހުސައިން ރަޝީދާ މި އަހަރުގެ މާޗު މަހު ބައްދަލު ކުރެއްވުމަށް ފަހު އައްބާސް ވިދާޅުވި އެވެ. 

މި މައްސަލަ ފަށައިގެން ކްރިމިނަލް ކޯޓުން ބަލަމުން އައީ ތިން ގާޒީން ހިމެނޭ ބެންޗަކުން ނެވެ. ނަމަވެސް މައްސަލަަ ބައްލަވާ އިސް ގާޒީ އާދަމް މުހައްމަދަށް އިންޒާރުދީ ބިރުދެއްކުމުގެ އަމަލެއް ހިންގާފައިވާތީ ގާޒީ އާދަމް ވަނީ އެ މައްސަލައިން ތަނާޒުލް ވެފަ އެވެ. އެ ބެންޗަށް އޭގެ ފަހުން އައްޔަން ކުރެއްވި ގާޒީ ހަސަން ސައީދު ވެސް މައްސަލައިން ތަނާޒުލްވި އެވެ.

މިހާރު ވަނީ އެމައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗު އުވާލައި އެންމެ ފަނޑިޔާރަކާ މައްސަލަ ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން އެމައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ ފަނޑިޔާރު ސޮފްއަތު ހަބީބް އެވެ.

މިދިޔަ އޭޕްރީލް 19 ގައި ބޭއްވި ޝަރީއަތުގައި، އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ، އަޑުއެހުންތައް ބާއްވާނެ ގޮތުގެ ތާވަލެއް އެކުލަވާލުމަށް ފަހު ދެ ފަރާތާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އެ ތާވަލް އޮތް ގޮތުން އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ނިންމޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. 

ނަމަވެސް ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކޮށް ތާވަލަށް ބަދަލު ގެންނަން ޖެހޭ ނަމަ އެ ބަދަލު ގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ. އަދި މައްސަލަ އޮގަސްޓަށް ވުރެ ލަސްވާނީ ހެކިން ހާޒިރުކުރުމުގައި ދަތިތަކެއް ކުރިމަތިވެއްޖަ ނަމަ އެކަނި ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.

އެހެންވިޔަސް ފުލުހުން މެދުވެރިކޮށް ބަންދުގައި ބަހައްޓައިގެން ހެކިވެރީން ހާޒިރުކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.  


ކިޔުންތެރިންގެ ޝުއޫރު
33%
33%
33%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު