ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރުގެ އަދަބުދޭން ހުކުމްކޮށްފައިވާ ހުސައިން ހުމާމް އަހްމަދުގެ މައްސަލަ ރިވިއުކޮށްދޭން އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

ހުމާމްގެ މައްސަލަ ރިވިއުކޮށްދޭން އެދިފައި ވަނީ މިދިޔަ މަހުގެ ފަަހުކޮޅު އެވެ. އެހެން ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.2012 ވަނަ އަހަރުގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހުމާމްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ 2016ގެ ތެރޭގަ އެވެ. އެ އަހަރުގެ ތެރޭގައި މި ހުކުމް ހައިކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް ދެމެހެއްޓި އެވެ.ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން އިތުރު މީހެއްގެ މައްޗަށް ވެސް ތުހުމަތު ކުރި އެވެ. އެހެން ނަމަވެސް އެކުށް އޭނާގެ މައްޗަށް ސާބިތުނުވުމުން ދޫކޮށްލި އެވެ.ހުމާމްގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރާނެ ކަމަށް ކުރީގެ ސަރުކާރުން ބުނި ނަމަވެސް އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ. ހުމާމްއަށް ހުކުމްކުރާތާ 30 ދުވަހުގެ ތެރޭގައި ދަން ޖައްސައިގެން ހުކުމް ތަންފީޒުކުރާނެ ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ.މަރުގެ ހުކުމް އިއްވާފައި އެހެން ނަމަވެސް ހުކުމް ތަންފީޒު ނުވެ ތިން މީހަކު އެބަތިއްބެވެ. އެއީ ހުމާމް އާއި، ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި އަހުމަދު މުއްރަތާއި 2009 ގައި މަރާލި އަބްދުﷲ ފަރުހާދުގެ ގާތިލު މުހައްމަދު ނަބީލެވެ.ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމްތައް ވަރަށް މަދު ހާލަތްތަކެއްގައި ރިވިއު ކުރެވޭނެ އުސޫލެއް ސުޕްރީމް ކޯޓުން އޮތީ ކުރިން ގާއިމްކޮށްފަ އެވެ. އެ އުސޫލުގެ ދަށުން ބައެއް ހުކުމްތައް ރިވިއުކޮށްފައިވެ އެވެ.ރާއްޖޭގެ ޝަރުޢީ ކޯޓުތަކުން މަރުގެ ހުކުމް އިއްވި ނަމަވެސް އެ ހުކުމްތައް ތަންފީޒު ކޮށްފައެއް ނުވެ އެވެ.