ޕެންޝަން ފަންޑުން ހައްޖަށް ގެންދިއުމަށް ހުޅުވާލައިފި
ޔޫނުސް އިބްރާހިމް
09 މެއި 2023 - 14:43
0 comments
ހައްޖަށް ދާ ބަޔަކު ފުރަން ތައްޔާރު ވެގެން
ރިޓަޔަމެންޓް ފެންޝަން ފަންޑުގައި ހުންނަ ފައިސާ އިން ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ޕެންޝަން އޮފީހުން ވަނީ މި އަަހަރު ޕެންޝަން ސްކީމްގެ ދަށުން ހައްޖަށް މީހުން ފޮނުވަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވައިލައިފައެވެ.އެ އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި ޚިދުމަތް ދެވޭނީ ޕެންޝަން އޮފީހާއެކު އެއްބަސްވުން ގާއިމްކޮށްފައިވާ ހައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށެވެ.ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ އޮތް ކުންފުނިތަކުގެ ތެރެއިން ޕެންޝަން ފަންޑުން މީހުން ހައްޖަށް ގެންދަން ބޭނުންވާ ކުންފުނިތަކުން ޕެންޝަން އޮފީހާ އެކު އެއްބަސްވުން އެކުލަވާލަން ބޭނުން ނަމަ، އެ ކަމަށް އެދި އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.ގުޅުން ހުރި ކަމެއް - މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނުގެ އިތުރުން ތިން ކުންފުންޏަކަށް ދީފައިވެ އެވެ. އެއީ:- އަލް ހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ - 75،465ރ.
- ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް - 75،250ރ.
- އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑް - 75،000ރ.
މިއިން ކޮންމެ ކުންފުންޏަކަށް ވެސް ދީީފައިވަނީ 90 ކޯޓާ އެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ލިބިފައިވަނީ ޖުމްލަ 1000 ކޯޓާ އެވެ.ފަރުޟް ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ޤާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ތަސްދީގުކުރެއްވީ 2019ވަނަ އަަހަރުގެ އޯގަސްޓު މަހުއެވެ.ގަވައިދު ބުނާ ގޮތުން، ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފައިސާ ދޫކުރާނީ ފުރަތަމަ ފަހަރަށް އެ އަޅުކަން އަދާކުރުމަށެވެ. އަދި އެ ފައިސާ ދޫކުރާނީ ރިޓަޔަމެންޓް އެކައުންޓުގައި މަދުވެގެން 336،000ރ. ހުރި ނަމަ އެވެ.
ކިޔުންތެރިންގެ ޝުއޫރު