ޗާގޯސް މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ރައީސްއަށް ފޮނުވާފައިވާ ސިޓީ ބާތިލް ސިޓީއެއް ކަމަށް ކަނޑައެޅުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްވެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެކޯޓުގެ ރަޖިސްޓްރާ ނިންމުމުން އެ މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ޒުބައިރު އަހްމަދު މަނިކުގެ އިތުރު މުހައްމަދު މުސްތާގު ކިޔާ ބޭފުޅެއްގެ ނަމުގަ އެވެ.
މައްސަލާގައި އެދިފައިވަނީ ރައީސް ސޯލިހުގެ ސިޓީފުޅު ބާތިލުކޮށް ދިނުމާ އެކު އެ ސިޓީ ހާމަކޮށް، ސިޓީއާ ގުޅޭގޮތުން ކޮށްފައިވާ ހުރިހާ މައުލޫމާތެއް ހާމަކުރުމަށް އަމުރުކުރުމަށެވެ.
މިމައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މިމަހުގެ އަށްވަނަ ދުވަހު އެވެ. މި މައްސަލައިގައި އެދިފައިވަނީ ރައީސް ސޯލިހު ފޮނުއްވި އެ ސިޓީގައި ޗާގޯސް އަކީ މޮރީޝަސްގެ ސިޔާދަތީ ބާރު އޮތްތަނެއް ކަމަށް ރާއްޖެއިން ޤާބޫލުކުރާނަމަ، އެ ލިޔުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަށް ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ގޮތުގައި ފޮނުވައިފައިވާ ލިޔުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން \ވަނީ ނިންމާފަ އެވެ. ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރަނީ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.އިޓްލޮސްގެ މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސް އަށް ގޮސްފައިވާ ކަމަށް ސަރުކާރާއި ދެކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.