ޚަބަރު
އެމްއާރްއެމް އުވާލުން މަޑުޖައްސާލަން އަމުރު ކޮށްފި
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އުވާލުމަށް ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް މިއަދު ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

އެމްއާރްއެމްގައި، ސިޔާސީ ޕާޓީއެއް ވުޖޫގައި އޮތުމަށް ގާނޫނު ލާޒިމު ކުރާ 3،000 މެންބަރުން ނެތް ކަމަށް ކަނޑައަޅާ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަަ ބުދަ ދުވަހު އެވެ. އެ ނިންމުމާއެކު ހަމަ އެ ދުވަހު ހަވީރު، އެ ޕާޓީ އުވާލުމުގެ މަރުހަލާތައް ވަނީ ފަށާފައެވެ. އެގޮތުން އެކަން ގެޒެޓްގައި އިއުލާނުކޮށް ޕާޓީގެ އެއްވެސް ދަރަންޏެއް އޮތް ނަމަ އަންގަން ވަނީ އެދިފައެވެ. އަދި އެމްއާރްއެމްގެ ނަމުގައި އެއްވެސް ހަރަކާތެއް ނުހިންގަން ވަނީ އަންގާފައެވެ.

މި މަހުގެ 24 ގައި އީސީއިން ނިންމި މި ނިންމުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ބުނެ މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން ނުރުހުން ފާޅުކުރެއްވި އެވެ.

"ގާނޫނާއި ހިލާފު އަދި ކޮރަޕްޓް މި ނިންމުމާ ދެކޮޅަށް މަސައްކަތް ކޮށް اللهގެ ވާގިފުޅާ އެކު އަޅުގަނޑުމެން ކާމިޔާބު ހޯދާނަން," މައުމޫން އެ ދުވަހު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

އެމްއާރުއެމުން ބުނާ ގޮތުގައި އީސީއިން 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް އެ ޕާޓީން ވަނީ ފޯމު ހުށަހަޅައިފަ އެވެ.

އެ ޕާޓީން ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނާއި ހިލާފެވެ. އެހެން ކަމުން އެ މައްސަލަ މުރާޖައާ ކޮށްދޭން އެދުނެވެ. ނަމަވެސް ކޮމިޝަނުން ވަނީ ނިންމުމާމެދު ހިތްހަމަނުޖެހޭ ނަމަ ޝަރުއީ މަރުހަލާ އަށް ދިއުމަށް އެދިފައެވެ.

އެހެން ކަމުން އެމްއާރްއެމް އިން ވަނީ އެ ޕާޓީ އުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އަންގާ ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދިފައެވެ. ސިވިލް ކޯޓުން މިހާރު ވަނީ އެ އަމުރު ނެރެދީފައެވެ.

މި މައްސަލާގައި އެމްއާރުއެމް އިން އީސީގެ ނިންމުން ބާތިލުކުރުމަށް އެދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޯޓުގައި ބުނެފައިވާތީ، ސިވިލް ކޯޓުގެ އަމުރު ނެރެދީފައިވަނީ 30 ދުވަހަށެވެ.

އެމްއާރުއެމް އުވާލާ އެ ޕާޓީން ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް އީސީއިން އަންގާފައިވީ ނަމަވެސް، ޕާޓީއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އެމްއާރުއެމް އަކީ މި ސަރުކާރު ހިންގާ ކޯލިޝަނުގައިވެސް ހިމެނޭ ޕާޓީއެކެވެ. އެ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބާމެދު އަދި ގޮތެއް ނިންމާފައެއް ނުވާއިރު ޕާޓީގެ ރައީސް، ފާރިސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ.

އެމްއާރްއެމްގެ ތުހުމަތުތަކާއި ގުޅިގެން ކޮމިޝަނުން ވަކި އެއްޗެއް ނުބުނެ އެވެ. އެ ކޮމިޝަނުން ވަނީ ޒާތީ ނިންމުމެއް އެއް ޕާޓީއަކާމެދު ނުނިންމާނެ ކަމަށް ބުނެފައެވެ. 


ކިޔުންތެރިންގެ ޝުއޫރު
67%
33%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު